ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ޑޮނަލްޑް ޓްރަމްޕް އަދި އެމަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްކުރުމަށް ރާއްޖެއިން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމެރިކާގެ އައު ރައީސް ޓްރަމްޕް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ މެސެޖެއްގަ އެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ”އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަކައި“ ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ފާހަގަކުރެއްވި އެވެ. އަދި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ޓްރަމްޕް އަދި އެމަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްކުރުމަށް ބޭނުންފުޅުވާކަންވެސް ހާމަކުރެއްވި އެވެ.
މިއަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްކަމުގައި ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދެޤައުމުން ކުރާ މަސައްކަތް ދިވެހިރާއްޖެއިން ބަލައިގަންނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ތަހުނިޔާގެ މެސެޖު ނިންމަވާލެއްވުމުގެ ގޮތުން، ރައީސް ޓްރަމްޕްގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްޢޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވައި، އެމަނިކުފާނަށް ފުރިހަމަ ޞިއްޙަތަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންނެވި އެވެ. މީގެއިތުރުން ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުން ތަހުނިޔާގެ ޕޯސްޓެއްވެސް ކުރައްވާފަ އެވެ.
އެމެރިކާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރައްވަމުން، ޑޮނަލްޑް ޓްރަމްޕް މިރޭ ވަނީ އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާކުރައްވައިފަ އެވެ.
1890 ގެ ފަހުން، އެއް ދައުރު ނިންމެވުމަށްފަހު ބަލިވެވަޑައިގެން، އަނެއްކާވެސް ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ފުރަތަމަ ރައީސަކަށް ވެވަޑައިގަތުމުގެ ޝަރަފު ޓްރަމްޕަށް ލިބިވަޑައިގެންފައިވެ އެވެ. ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި، ”އެމެރިކާ ދަށަށް ދިއުން މިހިސާބުން ނިމުމަކަށް އައިސްފި“ ކަމަށް ވިދާޅުވެ، ޤައުމު މިހާރު ދަނީ އިތުބާރު ގެއްލިފައިވާ ހާލަތެއްގައި ކަމަށް ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެމެރިކާ އެމެރިކާ ޓްރަމްޕް