ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ތަޢުލީމާއި ޞިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލްކުރާނަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، އެނބުރި ރާއްޖެ ވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ދުނިޔޭގައި އަންނަ ތަރައްޤީތައް ބަލައިގަތުމަކީ މުހިންމު ކަމެއް ކަމަށާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ޤައުމު ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ. މިކަމަށްޓަކައި އޭއައި މާސްޓަރ ޕްލޭނެއް ހެދި، ކުރަންޖެހޭ ހުރިހާ ކަމެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި ދާއިރާއިން އެންމެ ކުރިއަރާފައިވާ ޤައުމަކަށް ޒިޔާރަތްކުރެއްވުމުން، އެ ޤައުމުން މިކަން ކުރަމުންދާ ގޮތް ދެނެގަނެވުނު ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ޤައުމުން ވިދާޅުވެފައިވާ ކަމަށެވެ. މިއީ ދިވެހިރާއްޖެ ބޭނުންވާ މިސްރާބަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ޚާއްޞަ ގޮތެއްގައި ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ ތެރޭގައި ޕަބްލިކް ސަރވިސްގެ ހުރިހާ ޚިދުމަތްތަކަކާއި، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި މަސައްކަތް ކާމިޔާބު ކުރުމަށް ދިވެހި ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ. އަދި ބަދަލަކާ ދިމާލަށް ދާއިރު އާންމުކޮށް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، މިއީ ޕޮޒިޓިވް ބަދަލަކަށް ވާތީ، ރައްޔިތުން މިކަން ބަލައިގަންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދައުރުގެ ބާކީ އޮތް އަހަރުތަކުގެ ތެރޭގައި، ދިވެހިރާއްޖެއަކީ ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ ޕަބްލިކް ސަރވިސްތަކެއް ލިބޭ ޤައުމަކަށް ހެދުމަކީ އިރާދަކުރެއްވިއްޔާ ހާސިލުކުރެވިގެންދާނެ ކަމެއް ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށް ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާ ކަރިސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ވަނީ ނިންމަވާލައްވާފަ އެވެ.

މިއީ ދިވެހި ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާގެ އިސް ވެރިންނާ ގިނަ ބައްދަލުވުންތަކެއް ބާއްވަވާފައެވެ. މީގެ ތެރޭގައި އެސްޓޯނިއާގެ ރައީސް، ޕާލަމެންޓުގެ ރައީސާއި، ވަޒީރުންނާއި، ޓާޓޫ ސިޓީގެ މޭޔަރު އަދި އެކަޑަމިކް ދާއިރާގެ އިސް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުންތައް ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެސްޓޯނިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ