ރައީސުލްޖުމްހޫރިއްޔާ ޑިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ޓާރްޓޫ ސިޓީގައި ހުންނަ ޔުނިވަރސިޓީ އޮފް ޓާރްޓޫއަށް މިއަދު ޒިޔާރަތްކުރައްވައި، އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރްއާއި އެ ޔުނިވަރސިޓީގެ އޮފިޝަލުންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޓާރްޓޫ ސިޓީގެ މޭޔަރ މިސްޓަރ އަރްމަސް ކްލާސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުކުރެއްވުމުގައި ޔުނިވަރސިޓީގެ އޮފިޝަލުން ވަނީ އެ މުއައްސަސާގެ ވަނަވަރު ތަފްޞީލުކޮށް ދެއްވައި، ސައިންޓިފިކް ރިސަރޗްގެ ރޮނގުން މުޅި ވިލާތު ބައްރުގައިވެސް އެންމެ ކުރިއަރާފައިވާ އެއް ޔުނިވަރސިޓީގެ ގޮތުގައި އެ ޔުނިވަރސިޓީގެ ދަރަޖަ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ޑިޖިޓަލް އީޖާދުތަކާއެކު ރާއްޖޭގެ ސިޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޑިޖިޓަލައިޒޭޝަން އަދި ޕޭޕަރލެސް ގަވަރނަންސްގެ ރޮނގުން ޓާރްޓޫގެ ތަޖުރިބާގެ ބޭނުން ހިއްޕެވުމަށް އެސްޓޯނިއާއާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ޙާޞިލްކުރުމަށް ހުރި ސްކޮލަރޝިޕް ފުރުޞަތުތަކާއި މަގުތައް އޮޅުންފިލުއްވާފައެވެ. ޖަވާބުގައި، ޔުނިވަރސިޓީގެ މަންދޫބުން ވަނީ ދިވެހި ދަރިވަރުންނަށް ޖާގަ ދިނުމުގެ ވިސްނުމަށް މަރުޙަބާ ދަންނަވައި، ލިބެންހުރި ސްކޮލަރޝިޕް ފުރުޞަތުތަކާއި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހުށަހަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެސްޓޯނިއާ
