ދިވެހިރާއްޖެ އާއި އެސްޓޯނިއާ އާ ދެމެދު އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސްމާޓް ޓެކްނޮލޮޖީ އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި މުހިންމު ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ވަޒީރު އަލީ އިހުސާން އެވެ. އަދި އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އަދުލު އިންސާފާއި ޑިޖިޓަލް ކަންކަމާބެހޭ ވަޒީރު ލީސާ-ލީ ޕަކޮސްޓާ އެވެ. މި ފަހުމުނާމާ ބަދަލުކުރެވުނީ އަދުލު އިންސާފާއި ޑިޖިޓަލް ކަންކަމާބެހޭ މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލް މެދުވެރިކޮށެވެ.
މި ފަހުމުނާމާގެ ސަބަބުން ޑިޖިޓަލް ވަސީލަތްތަކާއި ޑޭޓާ އެނަލިޓިކްސް ބޭނުންކޮށްގެން ޤާބިލުކަން އިތުރުކުރުމާއި އިޤްތިޞާދީ ތަރައްޤީ ހޯދުމަށް ދެ ޤައުމުގެ މެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ފަހުމުނާމާގައި ސޮއި ކުރެވިގެން ދިޔައީ އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ތޮނީސް ސާރް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރާތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ ޑިޖިޓަލް ގޮތުން ބާރުވެރި ޤައުމަކަށް ހެދުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙިއްޞާކުރައްވާފައެވެ. އަދި ޢާންމު ޚިދުމަތުގައި ޑިޖިޓަލައިޒޭޝަނަށް އިސްކަންދިނުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވައިލައްވާފައިވެއެވެ.
ރައީސް މުއިއްޒު ވަނީ ޑިޖިޓަލައިޒް ވުމަށް އެސްޓޯނިއާއިން އަދާކުރަމުންދާ އިސްދައުރު ފާހަގަކުރައްވާ، އެކަމަށްޓަކައި އެ ޤައުމަށް ތާރީފު ކުރައްވާފައެވެ. އަދި ރާއްޖޭގެ އީ-ގަވަރނަންސް އާއި އައި.ސީ.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުން ހިއްޕެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެސްޓޯނިއާ އެސްޓޯނިއާ
