ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފި އެވެ.
މި ޒިޔާރަތުގައި ރައީސް މުއިއްޒަށް މަރުޙަބާ ދެންނެވީ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސަރވިސަސް ޑިވިޜަންގެ އެކްޓިންގ ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަރޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރ، ޔޯނަސް ވަންޓޯއެވެ.
މި ޒިޔާރަތުގައި، ރައީސް މުއިއްޒަށާއި ދިވެހި ވަފުދަށް އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށައަޅާފައިވެއެވެ. މީގެ އިތުރުން، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމަޢު އަދި އީ-ގަވަރނަންސްގެ އައު އީޖާދުތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށްލުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީއާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެސްޓޯނިއާ އެސްޓޯނިއާ
