ދެޤައުމުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެސްޓޯނިއާއާއެކު ރާއްޖެއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި ސޮއި ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ، ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ކްލައިމެޓް ވަޒީރު ޔޯކޯ އަލެންޑަރއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ ތިމާވެއްޓާ ރައްޓެހި ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކާއި، އެ ތަޞައްވުރު ޙާޞިލުކުރުމަށް ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އިޔާދަކުރަނިވި ހަކަތައާއި ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ފަންނިއްޔާތުގެ ދާއިރާއިން އެސްޓޯނިއާގެ އީޖާދީ އުކުޅުތަކުގެ އެހީގައި ރާއްޖޭގެ ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރެވޭނެކަން ފާހަގަކުރައްވާފައިވެއެވެ.
މިނިސްޓަރ ޔޯކޯ އަލެންޑަރ ވަނީ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ހަކަތައިގެ ދެމެހެއްޓެނިވި ގޮތްތައް ޙާޞިލުކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އަދި ޚަރަދު ކުޑަ އަދި ވަޒަންހަމަ އިސްތިރާޖީ ޑިޖިޓަލް ހައްލުތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެސްޓޯނިއާއިން ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
މި ބައްދަލުވުމާއި ފަހުމުނާމާއިން ދެޤައުމުގެ މެދުގައި އިޔާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އީޖާދުތަކާއި ތިމާވެށީގެ ވިލުންތެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެސްޓޯނިއާ އެސްޓޯނިއާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
