ފަތުރުވެރިކަމުގެ ދާއިރާގެ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު އެއް ޖަމިއްޔާ، ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ ބޯޑު މެންބަރު ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ހޮވިއްޖެ އެވެ. މި މަޤާމަށް ޝިއުރީ ހޮވުނީ މެންބަރު ގައުމުތަކުން ނެގުނު ވޯޓަކުންނެވެ.
ޕާޓާގެ ބޯޑުގައި ޖުމްލަ ހަތް މެންބަރުން ހިމެނޭއިރު، ޝިއުރީގެ އިތުރުން ކޮރެއާ، ހޮންގްކޮންގް، ތައިލެންޑް، ޗައިނާ، ސައުދީ އަރަބިއްޔާ އަދި ޓައިވާންގެ ބޭފުޅުން ހިމެނެއެވެ. މި ބޯޑު މެންބަރުންނަކީ ޕާޓާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކެވެ.
1951 ވަނަ އަހަރު އުފެދުނު ޕާޓާގައި މިހާރު 95 ގައުމެއް ބައިވެރިވެފައިވެއެވެ. މި ޖަމިއްޔާއިން ކޮންމެ އަހަރަކު ޓޫރިޒަމް ދާއިރާގެ ތަފާތު ހަރަކާތްތަކެއް ހިންގައެވެ. މީގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެނުއަލް ސަމިޓް އެންޑް ޓްރެވަލް މާޓް ހިމެނެއެވެ. އަދި ޓޫރިޒަމް ދާއިރާއާ ގުޅޭ މުހިއްމު އެވޯޑުތަކެއް ވެސް ޕާޓާއިން ދެމުން ގެންދެއެވެ.
ޝިއުރީ މި މަޤާމަށް ހޮވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.