ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުތަކުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއްގެ ތަޙުޤީޤު ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފި އެވެ.
މި މައްސަލައިގައި އިމްޕޯޓު ޑިއުޓީއަށް ދައުލަތަށް ފައިސާ ނެގުމުގެ ތެރޭގައި ރިޝްވަތުގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ. މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ތިން އޮފިސަރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށާއި، މިހާރު އެ ތިން އޮފިސަރުންގެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން މީޑިއާތަކަށށް ފޮނުވި މެސެޖެއްގައި ވަނީ ކަސްޓަމްސްގެ އޮފިޝަރުންތަކަކާއި ގުޅުންހުރި ހިޔާނާތުގެ މައްސަލައެއް ބައްލަމުން އަންނަކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެ މައްސަލަ ތަހުޤީޤްކުރަން ފަށާފައިވަނީ ނިމުނު އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައިކަމަށް ފުލުހުން ބުނެފައިވެ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، 2024 އޯގަސްޓް 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައި.
މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ވެސް ހުށަހަޅާފައިވާ ކަމަށް އެނގެ އެވެ. ކޮމިޓީން މި މައްސަލަ ބެލުމަށް ސިއްރު ބައްދަލުވުންތަކެއް ބާއްވައި، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ބައެއް އިސްވެރިންނާ ސުވާލުކޮށްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފައިވަނީ، 241 ކޮމިޓީން ބަލަމުންދާ މައްސަލަތައް ނިމުމުން، މަސްތުވާތަކެތީގެ މައްސަލަ ފަދަ ކަންކަމުގައި ވެސް ޙައްލުތަކެއް ހުށަހަޅުއްވާނެ ކަމަށެވެ.
ރާއްޖެއަށް އެކި ބާވަތުގެ އެއްޗެހި އެތެރެކުރުމުގައި ކަސްޓަމްސްގެ މުވައްޒަފުންގެ މައްޗަށް އަބަދުވެސް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ކަން ފާހަގަކުރެވެއެވެ.