ގުޅީފަޅުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޔުޓިލިޓީގެ ޚިދުމަތް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ޗައިނާގެ ސީއެމްއީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސީއެމްއީސީގެ ރީޖަނަލް ޖެނެރަލް މެނޭޖަރ ކިއަން ހައޮޖުން އެވެ.
މިއަދު ސޮއިކުރެއްވި މަޝްރޫޢުގެ ތެރެއިން، ކަރަންޓުގެ ޚިދުމަތްދިނުމުގެ ނެޓްވޯކް ޤާއިމުކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު މުޅި ގުޅިފަޅުގައި ޤާއިމުކުރުމާއި، ޑީވޯޓަރިންގ ސިސްޓަމް ޤާއިމުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ގިގަބިޓް އީތަރނެޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕީއޯއެން) ޑަކްޓް ސިސްޓަމް ޤާއިމުކުރުމާއި، އަދި ގޭސް ސްޓޯރޭޖާ ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ފުރިހަމަވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިމަޝްރޫޢަކީ މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢެއް ކަމަށެވެ.
ތިލަމާލޭ ބްރިޖްގެ މަސައްކަތަށް މިވަގުތު ގުޅީފަޅުގެ ބިމުގެ ބޮޑު ސަރަޙައްދެއް ބޭނުންކުރަމުންދިޔަ ނަމަވެސް ދެފަރާތުންވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ރާއްޖެ - ޗައިނާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅީފަޅު