ރައްޔިތުން ދިރިއުޅޭ ނިކަމެތި ހާލަތަށް ނިމުމެއް ގެންނާނީ މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: މުއްތަލިބް

Advertisement

އެންމެ ފަސް

Advertisement

މިރޭ އިއުލާނުކުރި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުން ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތަށް ނިމުމެއް ގެންނާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ”ބޯހިޔާވަހިކަން އެންމެންނަށް“ އިފްތިތާހު ކުރުމަށް މިރޭ ބެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ކޮންމެ ރައްޔިތެއްގެވެސް އުންމީދަކީ އަމިއްލަ ބޯހިޔާވަހިކަމެއްގައި ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުން ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އެ އުންމީދު ހާސިލުކޮށްދެއްވުމަށްކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތު ”ބޯހިޔާވަހިކަން އެންމެންނަށް“، މިއީ ހަމައެކަނި ޝިއާރެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މިއީ އެއްވެސް އާއިލާއެއް ބިކަ ނުކުރާނެ ވައުދެއް ކަމަށެވެ. މިރޭ އިއުލާނުކުރި ޕްރޮގްރާމު ހާއްސަކުރެވިފައިވަނީ އެެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ކަމަށާއި މިއީ ކުއްޔަށް އެއްތަނުން އަނެއްތަނަށް ބަދަލުވާންޖެހިފައިވާ ފަރާތްތަަކަށް ހާއްސަ ޕްރޮގްރާމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަަށް އިސްކަންދިނުމަކީ ޒިންމާއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ މުޖުތަމައުގައިވެސް އެކި ފަންތީގެ މީހުން އުޅޭކަން ފާހަގަކުރައްވާ މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބައެއް އާއިލާތަކަކީ ބޯހިޔާހަވިކަމުގެ ކަންކަމަށް ފައިނޭންސިން ނުލިބޭ އާއިލާތައް ކަމަށާއި މީގެން ގިނަ ފަރާތްތަކަށް މިއަދާހަމައަށްވެސް ބޯހިޔާވަހިކަން ލިބިފައިނުވާ ކަމަށެވެ. މިނިސްޓަރު މުއްތަލިބް ވިދާޅުވީ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ރިއަލް އެސްޓޭޓް މާކެޓުން ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން ބޭންކުތަކުގެ ތެރެއިން މޯގޭޖް ފައިނޭންސް ލިބޭނެފަދަ ތަނަވަސްކަން ހުރި މެދުފަންތީގެ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދާދިނުމަށް އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ތެރެއިން ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ. އަދި ބޭންކް ފައިނޭންސް ހޯދޭނޭ ފަދަ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ރެން-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް މަޝްރޫއުތައް ހިންގޭނެ ކަމަށާއި މިރޭ އިއުލާންކުރި 7500 ހައުސިން ޔުނިޓަކީ ރެން-ޓު-އޯން މޮޑެލްގެ ދަށުން ދެވިގެންދާނެ ޔުނިޓުތަކެއް ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން އުޅެމުންދާ ގޮތަށް ބަލާ ގޯތި ދިނުމަށްވެސް ހަމަޖެހިފައިވާނެކަން ފާހަގަކުރައްވާ މިނިސްޓަރު މުއްތަލިބް ވިދާޅުވީ 15000 ގޯތި ދޫކުރުމަށް އިއުލާންކުރެވިފައިވާނެ ކަމަށެވެ. އަދި މީގެތެރެއިން އެއްވެސް ވަރަކަށް ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަން އެންމެންނަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ