މާލެ ސަރަހައްދުން ދޫކުރާ 7،500 ފްލެޓްގެ ތެރެއިން އެހެން ރަށްރަށުގެ މީހުންނަށް ދޫކުރަނީ 1،500 ފްލެޓް

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އިއުލާން ކުރި ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ދޫކުރާ ޖުމްލަ 7،500 ހައުސިންގ ޔުނިޓުގެ ތެރެއިން މާލޭގައި ރަށްވެހިވެފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދޫކުރާނީ 1،500 ފްލެޓްކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.

މި ސިޔާސަތުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު ގެޒެޓުގައި އާންމުކޮށްފައިވާއިރު މި ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލާން އަންނަ އަހަރުގެ ޖެނުއަރީ 4 ގައި ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ އަންނަ އަހަރުގެ މާޗް 3 އެވެ.

މި ސިޔާސަތުގެ ދަށުން ދޫކުރާ ޖުމްލަ 7،500 ފްލެޓުގެ ތެރެއިން 5500 ފްލެޓް ވަނީ މާލޭ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްޞަކުރެވިފަ އެވެ. އެގޮތުން މާލޭގެ ރަށްވެހިންނަށް 4،000 ޔުނިޓު ދޫކުރާއިރު، މާލޭގައި ރަށްވެހިވެފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ޔުނިޓު ދޫކުރާނެ އެވެ.

މާލޭ ރަށްވެހިންނަށް ޚާއްޞަކުރެވުނު 4،000 ޔުނިޓު ބަހާލެވިފައިވާ ގޮތް

  • އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 2،500 ޔުނިޓު
  • މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 1،000 ޔުނިޓު
  • ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 500 ޔުނިޓު

މީގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޙާއްސަ އިސްކަންދެވޭ ކެޓަގަރީތަކެއް ކަނޑައަޅާ އެ ފަރާތްތަކަށް 2،000 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ:

  • 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން: 100 ޔުނިޓު
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް: 100 ޔުނިޓު
  • އަލަތު ކައިވެނި ކުރާ ފަރާތްތައް/ ޒުވާން އާއިލާތައް: 250 ޔުނިޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 50 ޔުނިޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން: 200 ޔުނިޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުން: 100 ޔުނިޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް: 100 ޔުނިޓު
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތައް: 50 ޔުނިޓު
  • ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތައް: 300 ޔުނިޓު
  • ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަޤީރު އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ކަނޑައަޅާ ފަރާތްތައް: 50 ޔުނިޓު
  • ދިވެހިންގެ ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން: 100 ޔުނިޓު
  • މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުން: 100 ޔުނިޓު
  • ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުން: 200 ޔުނިޓް

މި ސިޔާސަތަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ލުއިކޮށް، ޚާއްޞަކޮށް ޒުވާން އާއިލާތަކަށާއި ސަރުކާރަށް ޚިދުމަތްދޭ ފަރާތްތަކަށް ދިރިއުޅުމުގެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަނިކަމުން، އެދި ހުށަހަޅާ ފަރާތްތަކުން ތާރީޚަށް ސަމާލުކަންދީ، ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ފުރިހަމަކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން، އެޕްލިކޭޝަން ހުށަހެޅުއްވޭނީ ’މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު‘ ނުވަތަ ’މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު‘ ގެ ތެރެއިން ކޮންމެވެސް އެއް އުޞޫލެއްގެ ދަށުންކަން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ބޯހިޔާވަހިކަން ބޯހިޔާވަހިކަން އެންމެންނަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ