މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށާފައިވާ ސްޓޯމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
އާރްޑީސީން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، ފެން ބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ކޮޅު އަދި އާޓިފިޝަލް ބީޗް ސަރަހައްދުގައި ސްޓޯމް ވޯޓަރ ނެޓްވޯކް އަޕްގްރޭޑްކޮށް ކަނެކްޝަންތަކުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށެވެ.
މި މަޝްރޫޢުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ވެސްޓް ޕާކް ސަރަހައްދުންނެވެ. އެ ސަރަހައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަސީލަތްތައް ވަނީ ހަރުކޮށްފަ އެވެ. އަދި އެނޫންވެސް މާލޭގެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައިވާ ޕަންޕުތައް ހަރުކޮށްފަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއީ މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް، ދިފާޢީ ވުޒާރާއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އަދި އާރްޑީސީ ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްޞަ މަޝްރޫޢެކެވެ.
ވިއްސާރަވާ ކޮންމެ ފަހަރަކު މާލޭގެ މަގުތައް ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަޖީދީ މަގުން ބައެއް ވަނީ މިހާރު ބަންދުކޮށްފަ އެވެ.