ޖުމްހޫރީ މައިދާނާއި، ސަލްޓަން ޕާކްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އިސްވެރިން އެ ތަންތަނަށް ޒިޔާރަތް ކުރައްވައިފި އެވެ.
އެ ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި އެ ކޯޕަރޭޝަނުގެ ޗެއާމަން މުހައްމަދު ޝާމީ އާދަމް، އެމްޑީ އިބްރާހިމް ނަޒީމްގެ އިތުރުން އިސްވެރިން އެ ސަރަހައްދުތަކަށް ޒިޔާރަތް ކުރެއްވީ އިއްޔެއެވެ. އަދި މި ޒިޔާރަތް ކުރެއްވީ އެ ތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށެވެ.
ސަލްޓަންޕާކު ތަރައްގީ ކުރުމަށްޓަކައި އޮގަސްޓު މަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ވަނީ ބަންދުކޮށްފަ އެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ޕާކުގެ ބައެއް ސަރަހައްދުތަކަށް އާންމުންނަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއެކު ބޭއްވި ޕޮޑްކާސްޓެއްގައި ވަނީ ސަލްޓަންޕާކު އަލުން ތަރައްގީ ކުރާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ. ”ސަލްޓަން ޕާކު ތަރައްގީ ކުރެވޭނީ ބޮޑެތި މީހުންނާއި ޒުވާނުންނަށް ވެސް އެ ތަނުގެ ބޭނުން ކުރެވޭނެ ގޮތަށް” ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ސަލްޓަންޕާކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، މިހާރުގެ ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ސްނޯ ޕާކަކާއެކު ތަރައްގީ ކުރެވުނު ތަނެކެވެ.
މީގެއިތުރުން، ޖުމްހޫރީ މައިދާން ވެސް ތަރައްގީ ކުރުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. ޖުމްހޫރީ މައިދާނަކީވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން ތަރައްގީ ކުރެވުނު ތަނެކެވެ.