ބިންވެރިޔާ ސްކީމާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ކުރެވޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދަނިކޮށް އެ ކުންފުނިން 15 މުވައްޒަފަކު ވަކިކޮށްފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ވަކި ކުރި މުވައްޒަފުންގެ ތެރޭގައި މި މައްސަލައާ ގުޅިގެން މީގެ ކުރިން ސަސްޕެންޑް ކުރި މުވައްޒަފުންތަކެއްވެސް ހިމެނެ އެވެ. މީގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަހުމަދު ޔާމީން ހިމެނެ އެވެ.
މިއަދު އެޗްޑީސީން ވަކި ކުރި 15 މީހުންގެ ތެރޭގައި ގިނައީ ކުރީގެ އެމްޑީ ފަޒުލް ރަޝީދާއި ވަރަށް ގާތް މީހުންކަމަށް މައުލޫމަތު ލިބެ އެވެ.
އެޗްޑީސީން ބިންވެރިޔާ ސްކީމްގެ ފޯޖް ލިޔެކިޔުމެއް އުފެއްދިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އެޗްޑީސީއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށާފަ އެވެ. އާންމުވެފައިވާ އެއް ލިޔުމަކީ އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދަށް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާކަމުގެ ލިޔުމެކެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން ފިޔަވާ ބޯޑުގެ އެންމެ ސަސްޕެންޑް ކުރި އެވެ.
ސަސްޕެންޑް ކުރުމުން އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ފަޒުލް ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
އެޗްޑީސީގެ އެމްޑީކަމަށް މިއަދު ވަނީ އާ ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެ މަގާމަށް އައްޔަން ކުރީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މަޢުރޫފް ޖަމީލެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެޗްޑީސީ ހިޔާނަތް ދިވެހި ފުލުހުންގެ ޚިދުމަތް