ކޮރަޕްޝަނާ ދެކޮޅަށް ސާބިތުވެ، ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ހިންގުމުގައި ހާމަކަން ބޮޑުކަމާއި ހެޔޮވެރިކަމުގެ އުސޫލުތައް ދަމަހައްޓަމުން ގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ހަމްދާން މިފަދައިން ވިދާޅުވެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުއްވި މެސެޖަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ހަމްދާން ވިދާޅުވެފައިވަނީ، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްއާ ބެހޭ މި ވަރުގަދަ މެސެޖު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ހަމަގައިމުވެސް ސަރުކާރުގެ އެސްއޯއީގެ އިސްވެރިނަށް ފޯރު ކޮށްދީފައި ކަމަށެވެ. އަދި ކޮރަޕްޝަނުގައި ބައިވެރިވާ މީހުންނާ މެދު ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ރައީސް އަމިއްލަ ގޮތުން ސްޓޭންޑް ފާޅުކޮށްފައިވާ ކަމަށްވެސް ހަމްދާން ވިދާޅުވި އެވެ.
ރޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައިވަނީ، ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ ”ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން. ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ“ ކަމަށެވެ. މީގެ އިތުރުން، އެއްވެސް ބޭފުޅަކު ގަވާއިދާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
މި އިންޒާރު އައިސްފައިވަނީ ގޯތިތަކުގެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވަނީ ސަސްޕެންޑްކުރެވިފަ އެވެ. އަދި އެންމެ ފަހުން ޗެއަރމަންކަމަށް ޢައްޔަންކުރެވުނު އަޙްމަދު ނާޞިފް (ޑީޑީ) ފިޔަވައި އެޗްޑީސީ ބޯޑުގެ އެހެން ހުރިހާ މެންބަރުންވެސް ވަނީ އިއްޔެ ސަސްޕެންޑް ކުރެވިފަ އެވެ.
މި މައްސަލާގައި ފަޒުލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، ފަޒުލްގެ އެއްބަނޑު ބޭބެއަށް ހުޅުމާލެއިން ގޯޗެއް އުސޫލުތަކާއި ހިލާފަށް ދިން މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުޤީޤެއް އިދާރާތަކުން ވަނީ ފަށައިފަ އެވެ. އެގޮތުން އެ ގޯތި ދޫކޮށްފައިވަނީ ބިންވެރިޔާ ސްކީމާއި ގުޅުންހުރި ލިޔުންތަކެއް ފޯޒްކޮށްގެންކަން މިހާތަނަށް ވަނީ ހާމަވެފަ އެވެ.
އޭގެއިތުރުންވެސް ފަޒުލްގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހަމްދާން ޝަކީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޗްޑީސީ ހިޔާނަތް ފަހި ދިރިއުޅުން ކޯޕަރޭޝަން