ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބަދަލު ދިނުމުގެ ގޮތުން އަމިއްލަ ފަރާތްތަކާއެކު ހަދާފައިވާ 9 އެއްބަސްވުމެއް މި ސަރުކާރުން ބާތިލްކޮށްފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ނިމިދިޔަ ސަރުކާރުން ސޮއިކޮށްފައިވާ 9 ސެޓްލްމަންޓް އެއްބަސްވުމަކީ ބާޠިލް އެއްބަސްވުންތަކެއް ކަމާއި، އެ އެއްބަސްވުންތަކަށް ޢަމަލުކުރަން ނުޖެހޭ ކަމަށް ބަންޑާރަނައިބު ނިންމަވައި، ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް މިއަދު އެކަން އަންގަވާފައިވާ ކަމަށެވެ.
އޭޖީ އޮފީހުން ބުނީ އެ އޮފީހުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބަދަލު ދިނުމުގެ އުސޫލު އުވާލާ މިދިޔަ ސަރުކާރުން ބަދަލު ދިނުމުގެ ގޮތުން ހަދާފައިވާ އެއްބަސްވުންތައް ދިރާސާ ކުރުމަށް އެ އޮފީހަށް ފޮނުވައިފާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ވަނީ އެއްބަސްވުންތައް އުވާލާ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ބަދަލުގެ ގޮތުގައި އެއްވެސް ފަރާތަކަށް އެއްވެސް އެއްޗެއް ދީފައިވާނަމަ އެ ތަކެތި ދައުލަތަށް ހޯދުމުގެ ކަންކަން ކުރުމަށް އެ އޮފީހަށް އަންގާފައިކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
ބަދަލު ދިނުމުގެ ނަމުގައި ހަދާފައިވާ މި 9 އެއްބަސްވުން ހަދާފައިވަނީ 2023 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެންމެ ފަހުން އެއްބަސްވުމެއް ހަދާފައިވަނީ ވެރިކަން ބަދަލުވުމުގެ 3 ދުވަސް ކުރިންނެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ފައިސާގެ ގޮތުގައި ދައުލަތުން 95 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހޭއިރު އެތަށް ރަށެއްވެސް ވަނީ ބަދަލުގެ ގޮތުގައި ދިނުމަށް ހިމަނާފަ އެވެ.
ބާތިލު ކުރަން ނިންމި އެއްބަސްވުންތަކުގެ ތެރޭގައި، ކުރީ ސަރުކާރުން ދީބާޖާއަށް ބަދަލުގެ ގޮތުގައި ދޭން ނިންމި 64 މިލިއަން ރުފިޔާ ފާހަގަކޮށްލެވެ އެވެ.
ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލޯހުންވެސް ވަނީ ފާސްކޮށްފަ އެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނި 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓެލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުންތަކެއް ކަމުގައި ކޮމިޓީއަށް ފެންނަ ކަމަށެވެ. އަދި އެ އެއްބަސްވުންތައް ބާތިލު ކުރެއްވުމަށް ޤާނޫނީގޮތުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށާއި އެފަދައިން ބަދަލުގެ ގޮތުގައި ދެއްވާފައިވާ ބަދަލެއްވާނަމަ ބަދަލުގެ ގޮތުގައި ދެއްވާފައިވާ އެއްޗެއް އަނބުރާ ދައުލަތަށް ހޯއްދެވުމަށް އެޓާނީ ޖެނެރަލަށާއި ކަމާގުޅުންހުރި އިދާރާތަކަށް ދެއްނެވުމަށެވެ.
ޖިނާއީ ތަހުގީގެއް ހިންގަމުން ކޮމިޓީން ނިންމާ މަޖިލީހުން ފާސްކޮށްފައިވަނީ:
1. ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް
2. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް
3. ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
މަޖިލީހުން ފާސްކޮށްފައިވަނީ މި ތިން ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރެއްވުމަށާއި، ދައުވާ ކުރެވޭވަރަށް ހެކި ލިބިއްޖެނަމަ ދައުވާކޮށްދެއްވަމުން އެދި ޕްރޮސިކިއުޓާ ޖެނެރަލްއަށް ދެންނެވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޓާނީ ޖެނެރަލްސް އޮފީސް މާލިއްޔަތު ކޮމެޓީ