މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އަދަބު ލުއިކޮށްދީގެންނާއި ޕެރޯލްގެ ގާނޫނުގެ ދަށުން 86 ގައިދީއަކު ޖަލުން ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ، އއ. ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އިންތިހާބުތަކާ ދިމާކޮށް ޖަލުގައި ތިބޭ ކުށްވެރިން ރީހެބިލިޓޭޝަނެއް ނެތި ދޫކޮށްލާފައިވާ ކަމަށެވެ.
ރައީސް ވަނީ ނިމިގެންދިޔަވެރިކަމގައި ޖަލުތަކުން ދޫކޮށްލި ކުށްވެރިންގެ އަދަދުތައްވެސް ވިދާޅުވެފަ އެވެ.
- 2023 ވަނަ އަހަރު ރިޔާސީ އިންތިހާބާ ދިމާކޮށް 429 މީހުން ދޫކޮށްލާފައިވޭ
- 2022 ވަނަ އަހަރު 256 މީހުން ދޫކޮށްލައިފައިވޭ
- ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް 458 މީހުން ދޫކޮށްލާފައިވޭ
- 2019 ވަނަ އަހަރު 762 ކުށްވެރިން ދޫކޮށްލާފައިވޭ
ސަރުކާރުން މިހާރު ވަނީ ޖަލުގައި ތިބޭ މީހުންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ފަށާފައި ކަމަށާއި، މި ޕްރޮގްރާމްތަކުގެ ދަށުން ޖަލުގައި ތިބޭ މީހުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީ، މުޖުތަމައަށް ފައިދާހުރި ގޮތެއްގައި އަނބުރާ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.