ކޮޕްގައި ކަނޑައެޅި މާލީ އަމާޒަކީ މޫސުމީ މައްސަލަތަކަށް އެކަށޭނަ މިންވަރެއް ނޫން ކަމަށް އެންވާރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިދިޔަ ހަފްތާގައި ނިމިގެންދިޔަ ކޮޕް 29 މަހާސިންތާއަށްފަހު އަލްޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރ މިގޮތަށް ވިދާޅުވީ މޫސުމީ ކަންކަމަށް މާލީ އެހީގެ ގޮތުގައި އަހަރެއްގެ މައްޗަށް 1.3 ޓްރިލިއަން ޑޮލަރު ބޭނުންވާނެކަމަށް އެކި ދިރާސާތަކުން ދައްކާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް މިއަހަރުގެ ކޮޕް 29 ގަައި ނިންމާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަހަރަކު 300 ބިލިއަން ޑޮލަރުގެ މާލީ އަމާޒެއް ކަނޑައެޅުމަށެވެ. މިނިސްޓަރ ހާމަކުރެއްވި ގޮތުގައި މިދިޔަ 2 ހަފްތާ ވަންދެން ކުދި ޖަޒީރާ ގައުމުތަކުން އެކި ބައްދަލުވުންތައް ބޭއްވި އެވެ. އޭގެ ކުރިން ކޮޮޕް 29 އިން ލަފާކުރީ 250 ބިލިއަން ޑޮލަރު ދޭން ކަމަށް މިނިސްޓަރ ހާމަކުރެއްވި އެވެ.
”300 ބިލިއަން ޑޮލަރު ދޭ ގޮތަށް ކަނޑައެޅީ އެންމެ ފަހު ވަގުތުގައި“
މި އިންޓަވިއުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި އަމާޒަކީ ދުނިޔޭގެ ގައުމުތަކުން އެމީހުންގެ އެންޑީސީތަކާއި އެންއޭޕީތައް ތަންފީޒުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމުގައިވީ ނަމަވެސް، މިއީ މައްސަލައިގެ ބޮޑުމިނާ އަޅާބަލާއިރު އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. މިކަމާއި ގުޅިގެން ކުދި ޖަޒީރާ ގައުމުތަކުން ކޮޕް 29 ގައި އިހުތިޖާޖު ކުރި ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާ ކުރިމަތިލުމަށް މިހާރުވެސް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ މާލީ ގާބިލުކަން ވަނީ ހުސްވެފަ އެވެ. މާލީ އެހީތެރިކަމުގެ އަމާޒު މިހާ ދަށްވުމުގެ ސަބަބުން މި ޤައުމުތައް އިތުރަށް ދަރަންޏަށް ޖެހި، މާލީ ގޮތުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގޮތުން ވަޒީރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އަހަރުތަކުގައި އަމާޒު ބަހައްޓާނީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުމަށެވެ. އަދި އެކަށޭނަ މިންވަރެއް ކޮޕް 29 ގައި ކަނޑަނޭޅުނަސް، އެއާއިގެން ކުރިއަށްދިއުން ނޫން އިތުރު ގޮތެއް ކުދި ޖަޒީރާތަކަށް ފަހިވެފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް، ކޮޕް 30 އަށް ކުރަންވީ ކަންތައްތައް މިފަހަރުގެ ބައްދަލުވުމުން ސާފުވެގެންގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި މަހާސިންތާގައި ނިންމާފައިވާ ނިންމުންތަކަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވީ ނަމަވެސް، މިކަމަށް ބޭނުންވާ ހަގީގީ އަދަދަށްވުރެ މާ ކުޑަ އަދަދެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ. އެހެންކަމުން، ކުރިއަށް އޮތްތަނުގައި މި އަދަދު އިތުރުކުރުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރަށްވެސް މިނިސްޓަރ ވިދާޅުވީ ކޮޕް-29ގައި ކާބަން މާކެޓް ގާއިމުކުރުމަށް އޮނިގަނޑެއް ހެދުނު ކަމަށެވެ. އަދި ކޮޕް-29ގައި ރާއްޖެއިން ބޭނުންވި މުހިންމު ބައެއް ކަންކަން ހާސިލްވުމަކީ ފެށުމެއްގެ ގޮތުގައި ސިފަކުރައްވާފައި ވެއެވެ.
ކޮޕް29 މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ