ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ ދިވެހިންނަށް 90 ދުވަހުގެ މުއްދަތަށް ވިސާ ފްރީކޮށް އަޒަރުބައިޖާނަށް ވަދެވޭނެ ގޮތް ހެދުމަށް އަޒަރްބައިޖާނާއިއެކު ދިވެހި ސަރުކާރުން އެއްބަސްވެއްޖެ އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ އިއްޔެ މި އެއްބަސްވުމުގައި ސޮއިކުރެއްވީ އަޒަރުބައިޖާނުގެ ބަކޫގައި މިހާރު ކުރިއަށްދާ ޔޫއެންއެފްސީސީސީގެ ޕާޓީތަކުގެ ކޮންފަރެންސްގެ ތެރެއިން ކަމަށެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުالله ޚަލީލާއި އަޒަރުބައިޖާނުގެ ފޮރިން މިނިސްޓަރ ޖެއިހޫން ބައިރަމޯވް އެވެ.
އެގޮތުން ސޮއިކުރެވުނު ”އެގްރީމެންޓް އޮން މިއުޗުއަލް އެގްޒެމްޕްޝަން އޮފް ވިސާ ރިކުއަރމަންޓް ފޯރ ހޯލްޑަރސް އޮފް ޑިޕްލޮމެޓިކް، ސަރވިސް އެންޑް އޮފިޝަލް ޕާސްޕޯޓްސް ބިޓްވީން ދަ ގަވަރންމެންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމެންޓް އޮފް އަޒެރްބައިޖާން“ އަކީ ދެޤައުމުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސޮއިކުރެއްވުނު އެެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ބޭނުންކުރައްވާ ފަރާތްތަކަށް ވިސާ އާއި ނުލައި އަޒަރުބައިޖާން އެތެރެވުމާއި، ޓްރާންސިޓް ވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެގައުމުގައި ހުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. މި އެއްބަސްވުމަކީ ހުރިހާ ދިވެހިރައްޔިތުންނަށް ވިސާއަކާ ނުލައި ދަތުރުކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެގޮތުން މިކަމާގުޅޭ މަޝްވަރާތައް ކުރިއަށްގެންދިއުމަށްވެސް އެއްބަސްވެވުނެވެ.
މީގެއިތުރުން، ސޮއިކުރެއްވި ”މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޓުއަރިޒަމް ބިޓްވީން ދަ ގަވަރންމެންޓް އޮފް ދަ މޯލްޑިވްސް އެންޑް ދަ ގަވަރންމެންޓް އޮފް އަޒެރްބައިޖާން“ އަކީ އިޤްތިޞާދީ، ސަގާފީ އަދި އިޖްތިމާއީ ގޮތުން ދެ ޤައުމަށްވެސް ފައިދާވާނޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެކެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރާއިއެކު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އަޒަރުބައިޖާންއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މުހިންމުކަމާއި، ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ސަގާފީ ގުޅުންތަކުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައިވެސް ދެޤައުމަށް ފައިދާވަނިވި މައްސަލަތަކުގައި ދިވެހިރާއްޖެއިން އަޒަރުބައިޖާންއާއިއެކު ގާތުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.
ރާއްޖެ - އަޒަރުބައިޖާން ކޮޕް29 މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް