ދަރުމަވަންތަ ހޮސްޕިޓަލް، ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ރަސްމީކޮށް ހުޅުވައިފި އެވެ.
މި ހޮސްޕިޓަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ހޮސްޕިޓަލް ހުޅުވުމާއެކު ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ދެން ބޭނުންކުރާނީ ދަރުމަވަންތަ ހޮސްޕިޓަލް އެވެ.
ހޮސްޕިޓަލް ހުޅުވާފައިވަނީ ކުރިން ނުލިބޭ އައު ހިދުމަތްތަކާއެކުގަ އެވެ. އެގޮތުން ކުރިން ނުލިބޭ ޒަމާނީ މެޑިކަލް މެޑިކަލް ޚިދުމަތްތައް ލިބޭނެކަމަށް އެ ހޮސްޕިޓަލް ހިންގާ، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެ އެވެ. އެގޮތުން އަލަށްދޭން ފެށި ހިދުމަތްތަކުގެ ތެރޭގައި ނޭޝަނަލް ފަރޓިލިޓީ ސެންޓަރާއި ހައިބްރިޑް ކެތް ލެބް ހިމެނެ އެވެ.
ނޭޝަނަލް ފާޓިލިޓީ ސެންޓަރު ގާއިމް ކޮށްފައިވަނީ އެ ހޮސްޕިޓަލްގެ 22 ވަނަ ފްލޯގަ އެވެ. އަދި ހައިބްރިޑް ކެތް ލެބްގެ ހިދުމަތްދޭން ފަށައިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގަ އެވެ.
ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް (އީ.އާރު) ވަނީ ޚާއްޞަކޮށް ކުޑަކުދިންގެ ފަރުވާއަށް ކަނޑައެޅިފަ އެވެ. މިއީ ކުޑަކުދިންނަށް ޚާއްޞަ ކުއްލި ނުރައްކަލުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ސަރުކާރުން ބުނި ގޮތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޤާއިމުކުރެވުނު މި ހޮސްޕިޓަލް ވޭތުވެދިޔަ ފަސް އަހަރު ދުވަހު ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ. އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވުމުގެ ސަބަބުން، ހޮސްޕިޓަލުގެ ގިނަ މެޝިނަރީތައް ހަލާކުވެ، ބޮޑު ޚަރަދެއް ކޮށްގެން މަރާމާތު ކުރަންޖެހުނު ކަމަށް ސަރުކާރުން މަޢުލޫމާތު ދީފައިވެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމަކީ ޤައުމުގެ ޞިއްޙީ ވަސީލަތްތައް ހަރުދަނާކުރުމުގައި ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ދެކެވެ އެވެ. ދަރުމަވަންތަ ހޮސްޕިޓަލް އަލުން ހުޅުވުމާއެކު، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ލިބޭ ފަރުވާގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ. މި ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ތެރޭގައި ކާޑިއޮލޮޖީ، ނިއުރޮލޮޖީ، އޮންކޮލޮޖީ އަދި ނެފްރޮލޮޖީ ފަދަ ޚާއްޞަ ދާއިރާތަކުގެ ފަރުވާ ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައިޖީއެމްއެޗް ދަރުމަވަންތަ ހޮސްޕިޓަލް