ހިޔާވަހި ފައިނޭންސް ސްކީމަކީ ފުރަތަމަ ބޯހިޔާވަހިކަމަށް ދޫކުރާ ލޯނެއް: މިނިސްޓަރު ހައިދަރު

Advertisement

އެންމެ ފަސް

Advertisement

ހިޔާވަހި ފައިނޭންސް ސްކީމަކީ ފުރަތަމަ ބޯހިޔާވަހިކަމަށް ސަރުކާރުން ދޫކުރާ ލޯން ސްކީމެއްކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ ހިޔާވަހި ފައިނޭންސް ސްކީމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ މި ސްކީމަކީ ފުރަތަމަ ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ދޫކުރާ ލޯނެއްކަމަށްވުމުން އަމިއްލަ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ފަރާތަކަށް މި ލޯނު ސްކީމް ނުލިބޭނެ ކަމަށެވެ.

މިއީ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މި ސަރުކާރުން އެކުލަވާލި ފައިނޭންސް ސްކީމަކަށްވާތީ ހުށަހަޅާ ފަރާތުގެ ނަމުގައި އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް އޮވެގެން ނުވާނެ.

ހިޔާވަހި ފައިނޭންސް ސްކީމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ސްކީމުގެ އުސޫލުތަކާއި ޝަރުތުތަކާއި އިތުރު ތަފްސީލުތައް މި ހަފްތާ ނިމުމުގެ ކުރިން އާންމުކޮށް އިއުލާނުކޮށް ގެޒެޓުގައި ޝައިރު ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފަސް އިންސަައްތައަށް ވުރެ ބޮޑު ނޫން އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯނު ދޫކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ސަރުކާރުން މިއަދު އިފްތިތާހު ކުރި ހިޔާވަހި ފައިނޭންސް ސްކީމުން ތިން ގިންތިއަކުން ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ގިންތިތަކުގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއާއި އާބަން ސެންޓަރުތަކާއި މާލެ ސަރަހައްދެވެ.

އަތޮޅު ތެރެއިން ދޫކުރާ ލޯނުގައި ރަށްރަށުގައި ގެދޮރު އެޅުމަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ނިންމާފައިވާއިރު އާބަން ސެންޓަރުތަކަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފަ އެވެ. އަތޮޅު ތެރެއަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީއެފްސީ މެދުވެރިކޮށެވެ. އަދި އާބަން ސެންޓަރުތަކަށް ލޯނު ދޫކުރާނީ ބީއެމްއެލްއާއި އެމްއައިބީ މެދުވެރިކޮށެވެ.

މާލެ ސަރަހަދުގައި ގޯތީގައި އިމާރާތް ކުރަން ނުފެށިފައިވާ ފަރާތްތަކަށާއި އިމާރާތް ކުރުމަށް ފެށުމަށް ފަހު ނުނިމި ހުރި އިމާރާތްތައް ނިންމުމަށް ހަ މިލިއަނާ ހަމައަށް މި ސްމީމްގެ ދަށުން ލޯނު ދޫކުރާނެ އެވެ.

ހައުސިން މިނިސްޓްރީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ހިޔާވަހި ފައިނޭންސް ސްކީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ