ކުޑަ އިންޓްރެސްޓެއްގައި ހައުސިން ލޯނު ލިބޭ ހިޔާވަހި ފައިނޭންސް ސްކީމް އިފްތިތާހުކޮށްފި އެވެ.
މި ލޯނު ސްކީމަކީ ފަސް އިންސައްތަ އިންޓްރެސްޓް ރޭޓުގައި ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިން ލޯނު ސްކީމެކެވެ. ފަސް އިންސައްތައަށް ވުރެ ކުޑަ ނޫން އިންޓްރެސްޓް ރޭޓެއްގައި ހައުސިން ލޯނު ސްކީމެއް ތައާރަފް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ހިޔާވަހި ފައިނޭންސް ސްކީމް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ.
މި ސްކީމުގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.
ސަރުކާރުން މިއަދު އިފްތިތާހު ކުރި ހިޔާވަހި ފައިނޭންސް ސްކީމުން ތިން ގިންތިއަކުން ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ގިންތިތަކުގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއާއި އާބަން ސެންޓަރުތަކާއި މާލެ ސަރަހައްދެވެ.
އަތޮޅު ތެރެއިން ދޫކުރާ ލޯނުގައި ރަށްރަށުގައި ގެދޮރު އެޅުމަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ނިންމާފައިވާއިރު އާބަން ސެންޓަރުތަކަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފަ އެވެ. އަތޮޅު ތެރެއަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީއެފްސީ މެދުވެރިކޮށެވެ. އަދި އާބަން ސެންޓަރުތަކަށް ލޯނު ދޫކުރާނީ ބީއެމްއެލްއާއި އެމްއައިބީ މެދުވެރިކޮށެވެ.
މާލެ ސަރަހަދުގައި ގޯތީގައި އިމާރާތް ކުރަން ނުފެށިފައިވާ ފަރާތްތަކަށާއި އިމާރާތް ކުރުމަށް ފެށުމަށް ފަހު ނުނިމި ހުރި އިމާރާތްތައް ނިންމުމަށް ހަ މިލިއަނާ ހަމައަށް މި ސްމީމްގެ ދަށުން ލޯނު ދޫކުރާނެ އެވެ.
ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ޝަރުތުތައް މި ހަފްތާ ތެރޭ ގެޒެޓު ކުރުމަށް ވަނީ ނިންމާފަ އެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހައުސިން މިނިސްޓްރީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ހިޔާވަހި ފައިނޭންސް ސްކީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް ބޯހިޔާވަހިކަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)