ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހައުސިން ލޯނު ދޫކުރުމަށް ކޮންމެ އަހަރަކުވެސް 1 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ސަރުކާރުން ފަސް އިންސައްތަ އިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރުމަށް ހިޔާވަހި ފައިނޭންސް ސްކީމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ލޯން ސްކީމް ކުރިއަށް އޮތް ހަތަރު އަހަރުވެސް ކުރިއަށް ގެންދިޔުމަށް ބަޖެޓުގައި 1 ބިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށެވެ. އަދި މި 1 ބިލިއަން ރުފިޔާ މެދުވެރިކޮށް 2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ލޯނު ދޫކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.
1 ބިލިއަން ރުފިޔާގެ ބޭނުން ކޮށްގެން 2 ބިލިއަން ވުރެ ގިނަ ރުފިޔާގެ ލޯނު ހަގީގަތުގައި ދޫކުރެވޭނެ. އެހެންވީމާ 2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ލޯނު އަހަރު ތެރޭގަ ދޫކުރެވިގެން ދާނެ އަޅުގަނޑުމެން މި ރާވާފަ އޮތް ގޮތުން.
މި ސްކީމްގެ ސަބަބުން، އެ މީހެއްގެ ގޯތި އޮވެ ގެ އެޅޭނެ ގޮތް ނެތް މީހުންނަށް ގެ އަޅާ ނިންމޭނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގެ އަޅަން ފެށުމަށްފަހު ކޮންމެވެސް ސަބަބަކާ ހުރެ އިމާރާތް ނުނިމި ހުރި ފަރާތްތަކަށްވެސް އިމާރާތް ނިންމުމުގެ ފުރުސަތު ލިބިގެން ދާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ފަސް އިންސަައްތައަށް ވުރެ ބޮޑު ނޫން އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯނު ދޫކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ސަރުކާރުން މިއަދު އިފްތިތާހު ކުރި ހިޔާވަހި ފައިނޭންސް ސްކީމުން ތިން ގިންތިއަކުން ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ގިންތިތަކުގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއާއި އާބަން ސެންޓަރުތަކާއި މާލެ ސަރަހައްދެވެ.
އަތޮޅު ތެރެއިން ދޫކުރާ ލޯނުގައި ރަށްރަށުގައި ގެދޮރު އެޅުމަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ނިންމާފައިވާއިރު އާބަން ސެންޓަރުތަކަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފަ އެވެ. އަތޮޅު ތެރެއަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީއެފްސީ މެދުވެރިކޮށެވެ. އަދި އާބަން ސެންޓަރުތަކަށް ލޯނު ދޫކުރާނީ ބީއެމްއެލްއާއި އެމްއައިބީ މެދުވެރިކޮށެވެ.
މާލެ ސަރަހަދުގައި ގޯތީގައި އިމާރާތް ކުރަން ނުފެށިފައިވާ ފަރާތްތަކަށާއި އިމާރާތް ކުރުމަށް ފެށުމަށް ފަހު ނުނިމި ހުރި އިމާރާތްތައް ނިންމުމަށް ހަ މިލިއަނާ ހަމައަށް މި ސްމީމްގެ ދަށުން ލޯނު ދޫކުރާނެ އެވެ.
ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ޝަރުތުތައް މި ހަފްތާ ތެރޭ ގެޒެޓު ކުރުމަށް ވަނީ ނިންމާފަ އެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ހިޔާވަހި ފައިނޭންސް ސްކީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް ބޯހިޔާވަހިކަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)