ވޯލްޑް ބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ރިޔާސަތު މިއަހަރު ބެލެހެއްޓީ ދިވެހިރާއްޖެއިން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓި (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތިން ބައިކުޅަ ދެބައި މިހާރު ވަނީ ބޮޑެތި ދަރަނިތަކެއްގައި ކަމަށެވެ.
މުނައްވަރު ވިދާޅުވީ، ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލެޓަރަލް ބޭންކުތަކުން ދަރަނިވެރިވެފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސަންޓު އުފައްދާނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކުރުމަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު، މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 13 ޕަސަންޓް ކަމަށްވެސް މުނައްވަރު ވިދާޅުވެފައިވެ އެވެ.
މުނައްވަރު ވިދާޅުވީ، މޫސުމީ ބަދަލުތަކާއި ދަރަނި މެނޭޖްކުރުމާއި ނިޒާމީ ބަދަލުތަކަކީ މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށާއި، މި ކަންކަމަށް ހައްލު ހޯދުމަށް މާލީ އިދާރާތަކުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
މިއީ އެ ދެ މުއައްސަސާގެ 80 އަހަރުގެ ތާރީހުގައި ރާއްޖެއިން ރިޔާސަތު ބެލެހެއްޓި ފުރަތަމަ ފަހަރެވެ.
އަހުމަދު މުނައްވަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އެމްއެމްއޭ އެމްއެމްއޭގެ ގަވަރުނަރު ވޯލްޑް ބޭންކް
