ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން މާލޭގައި އިމާރަތްކުރާ ދާރުލްއަރްޤަމް ވަޤްފު ޢިމާރާތުގެ ބިންގާ އަޅައިފި އެވެ.
މާލޭ ހެންވޭރުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
އިސްލާމިކް މިނިސްޓްރީން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި މަސައްކަތް ހަވާލުކުރެވިފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 39,462,545.08 ރުފިޔާ އަށެވެ. އަދި މި މަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރޫއަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢުއެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ދާރުލް އަރްޤަމް ވަޤްފު ޢިމާރާތުގެ ތަފްސީލްތައް
-
މާލޭ ހެންވޭރު 64 ނަންބަރު ކޮށީގައި 12 ބުރިއަށް ޢިމާރާތްކުރާ ޒަމާނީ އިމާރާތެއް.
-
ބޭސްމެންޓާއި ގްރައުންޑް ފްލޯ ޚާއްސަކުރެވިފައިވަނީ ޕާކިންގ އަށް.
-
ފްލޯތަކުގެ ތަފްސީލް:
-
1 ވަނަ ބުރި: ރިސެޕްޝަން އޭރިއާ.
-
2 ވަނަ ބުރި: ކޮންފަރެންސް ހޯލް.
-
1 އިން 12 އަށް: ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމްތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެ.
-
-
ރޫފްޓޮޕް: ބޭނުންކުރާނީ އޯޕަން ޓެރަސްއެއްގެ ގޮތުގައި.
-
އިތުރު ވަސީލަތްތައް:
-
ލިފްޓުގެ ޚިދުމަތް ހުންނާނެ.
-
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ އިންތިޒާމް ޤާއިމްކުރެވިފައި ހުންނާނެ.
-
ދާރުލްއަރްޤަމްގެ އިތުރުން، ވަޤްފު ފަންޑު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ވަޤްފު އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އައްޑޫ، ފުވައްމުލަ، ކުޅުދުއްފުށި ސިޓީގެ އިތުރުން ތިނަދޫ އަދި ގއ. ވިލިގިލީގައި ވެސް ވަގުފު އިމާރާތް ޤާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
