ރާއްޖެ އާއި ޗައިނާގެ އެކުވެރި ގުޅުން ރަމްޒުކޮށްދޭ އާ ޕާކެއް އިއްޔެ ހުޅުވައިފި އެވެ.
ސިނާމާލެ ބްރިޖް ފެށޭ ހިސާބުގައި ހުންނަ މި ޕާކް އިއްޔެ އިފްތިތާހުކޮށްދެއްވީ މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުތުތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީ ޒިން އެވެ.
އެ މިނިސްޓްރީން ބުނީ ދެ ގައުމުގެ މެދުގައި އޮންނަ އެކުވެރި ގުޅުން ފާހަގަކުރުމުގެ އިތުރުން މުޖުތަމައުގައި ގާތް ގުޅުމެއް ބާއްވަން ހިތްވަރު ދިނުމަކީ ޕާކުގެ މަގުސަދު ކަމަށެވެ.
މި މޮނިއުމެންޓް ހުޅުވުމަށްފަހު ސަފީރު ލީޒިން ވިދާޅުވީ މި ތަނަކީ ހަމައެކަނި ދިވެހިންގެ މެދުގައި މަގުބޫލުވެގެން ދާނެ ތަނެއް ނޫންކަމަށާއި އެއީ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލްވެގެން ދާނެ ތަނެއް ކަމަށެވެ. ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންގެ މެދުގައި މިތަން މަގުބޫލުވާނެކަމަށް ސަފީރު ވިދާޅުވި އެވެ.
ޕާކަށް ޒަޔާރަތްކުރާ މީހުންނަށް އިށީނދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މި ޕާކުގައި ސިނަމާލެ ބްރިޖު ތަރައްގީ ކުރުމުގެ އެކި މަރުހަލާތައް ދައްކުވައިދޭ ފޮޓޯތައް ދައްކާލާފައިވެ އެވެ.
ސިނާމާލެ ބްރިޖް ހެދީ ޗައިނާގެ އެހީތެރިކަމާއި އެކު އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރު ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައި ވެއެވެ. ލޯނުގެ އުސޫލުން އިތުރަށް 72 މިލިއަން ޑޮލަރު ޗައިނާއިން ދީފައިވާއިރު، ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު މި މަޝްރޫއުއަށް އިންވެސްޓްކޮށްފަ އެވެ.
ރާއްޖެ - ޗައިނާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ސިނަމާލެ ބްރިޖް ޗައިނާ ސަފީރު ވަން ލިޒިން