ރާއްޖެއަށް ވޭޕްއާއި އީ-ސިނގިރެޓް އެތެރެކުރުން މަނާކުރުމަށް ކުޅިވަރާއި ބެހޭ 21 ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
މި 21 ކުޅިވަރު ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ ވޭޕް އަދި އީ-ސިނގިރޭޓްގެ ސަބަބުން ސިއްޙަތަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި، އޭގެ ބިރުވެރިކަމާއި، އޭގެ ނުރައްކާތެރިކަމުގެ ވާހަކަ އަކީ މެޑިކަލް ޑޮކްޓަރުންނާއި، ތަޢުލީމީ ދާއިރާގެ ފަންނީ އަދި މި ނޫންވެސް އެހެން ފަރާތްތަކުން މެދުކެނޑުމެއްނެތި ދިވެހިންނަށް ފޯރުކޮށްދެއްވަމުން ގެންދާ އިރުޝާދުތަކެކެވެ.
ނަމަވެސް، ދުވަހެއް ދުވަހަކަށް މި ތަކެތީގެ ބޭނުންކުރުން އިތުރުވެ، މީގެ ނޭދެވޭ އަސަރު ކުރިއަށް އޮތް ޖީލުތަކަށް ކޮށްފާނެކަމުގެ ބިރު ވަނީ އިންތިހާއަށް އުފެދިފަ އެވެ.
ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހި ކުޅުންތެރިންނާއި، ތަމްރީނު ފަރާތްތަކުގެ މެދުގައި ވޭޕް އަދި އީ-ސިނގިރޭޓް ބޭނުންކުރުން އަންނަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުން ނެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންގެ ފުުއްޕާމެއަށް ދިމާވާ ސިއްހީ އެކިއެކި މައްސަލަތަކާއި، ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުޅުންތެރިންގެ ޕަރފޯމަންސް ދަށްވެ، ކުރިއެރުމަށް ދިމާވާ ހުރަހެއް ކަމަށެވެ .
ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިއީ ރާއްޖޭގެ ކުޅިވަރާއި، ދުޅަހެޔޮކަން ކުރިއެރުވުމަށް ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން ކުރާ މަސައްކަތަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއިން ހޯދަން ބޭނުންވާ ރަން ވަނަތައް ހާސިލުކުރުމަށް އެޅިފައިވާ ހުރަހެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ކުރިއަށް އޮތް ޖީލު މި ވަބާއިން ސަލާމަތް ކުރުމަށްޓަކައި ވޭޕް އަދި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރުމާއި، ވިޔަފާރި ކުރުމާއި އަދި އެތަކެތި ގެންގުޅުން މަނާކުރުމަށެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކާއި އަދި ހާއްސަކޮށް ރާއްޖޭގެ އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް ވޭޕް އަދި އީ-ސިނގިރޭޓް މަނާކޮށްފައިވާކަން ޖަމިއްޔާތަކުން ފާހަގަކޮށްފައި ވެއެވެ.
މި ނޫސްބަޔާން ނެރުމުގައި ބައިވެރިވި 21 ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ ތެރޭގައި ފުޓްބޯޅަ، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ޓެނިސް، ބެޑްމިންޓަން، އަދި ހޭންޑްބޯލް ފަދަ އެކި ކުޅިވަރުތަކުގެ ގައުމީ ޖަމިއްޔާތައް ހިމެނެއެވެ.