ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ، ބެލޮންޑިއޯ އެވޯޑް ޕީއެސްޖީގެ ފޯވާޑް، އޮސްމާން ޑެމްބެލޭއަށް ލިބިއްޖެ އެވެ.
އުމުރުން 28 އަހަރުގެ ފްރާންސް ކުޅުންތެރިޔާ ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅުނު 53 މެޗުން 35 ލަނޑު ޖަހައި 14 ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ. މީގެއިތުރުން ޑެމްބެލޭ ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ފްރެންޗް ލީގާއި ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ފްރެންޗް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް ޑެމްބެލޭ އެވެ. އޭނާ ވަނީ ޖުމްލަ 21 ލަނޑު ޖަހާފައެވެ. ޑެމްބެލޭގެ އިތުރުން މާސޭގެ ފޯވާޑް، މޭސަން ގްރީންވުޑް ވެސް ވަނީ 21 ލަނޑު ޖަހާފައެވެ. މީގެއިތުރުން، މިދިޔަ ސީޒަނުގައި ފްރެންޗެ ލީގާއި ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ޑެމްބެލޭ އެވެ.
ޑެމްބެލޭ ވަނީ މިދިޔަ ސީޒަނުގައި ކުރިޔަށްދިޔަ ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލަށް ޕީއެސްޖީ ގެންދިއުމުގައިވެސް އެހީތެރިވެދީފަ އެވެ. ފައިނަލުގައި އެ ޓީމު ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ.
ޑެމްބެލޭގެ ފަހަތުން ދެވަނައަށް ދިޔައީ ބާސެލޯނާގެ ޒުވާން ތަރި، ލަމީން ޔަމާލް އެވެ. ތިންވަނަ ލިބުނީ ޕީއެސްޖީގެ ވިޓީނިއާ އަށެވެ.
މިދިޔަ ސީޒަނުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ މެންޗެސްޓާ ސިޓީއަށް މިހާރު ކުޅެމުންދާ ޕީއެސްޖީގެ ކުރީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާއެވެ، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ ލަމީން ޔަމާލް އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ޕީއެސްޖީގެ ލުއިސް އެންރީކޭ ހޮވުނުއިރު، އެންމެ މޮޅު ސްޓްރައިކަރަކީ އާސެނަލްގެ ވިކްޓާ ޔޯކަރޭސް އެެވެ. މިދިޔަ ސީޒަނުގެ އެންމެ މޮޅު ޓީމަކީ ޕީއެސްޖީ އެވެ.