އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އިންތިހާބު ކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ވަނީ ބާއްވާފަ އެވެ. ޣަފޫރު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެފައިވަނީ 65 މެންބަރުންގެ ވޯޓާއެކު އެވެ.
ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވުމަށްފަހު ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޣަފޫރު ވަނީ، އޭނާއަށް އިތުބާރު ކުރައްވައި ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާފަ އެވެ. އަދި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މަގާމުގައި ހުންނަވައި ޕާޓީއަށް ކޮށްދެއްވި ހިދުމަތަށް ޝުކުރުދަންނަވާފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވަން ފައްޔާޒް ނިންމެވި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވިފަހުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވާތީ އެވެ. އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ޕާޓީ ހިންގުމުގައި ދިމާވާކަން ގައުމީ މަޖިލީހުގެ މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަދާކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާނު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.


