ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރު ކޮށްފި އެވެ.
ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި، ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް / ޝަބުނަމީގެ، މުނައްވަރު އާދަަމް އެވެ.
ފުލުހުން ބުނެފައިވަނީ މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެއް ކަމަށާއި، މައްސަލައާ ގުޅިގެން މުނައްވަރު އާދަމް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ، ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓާ، އޭގެތެރެއިން 6 ކާޓަށް ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން 2025 މޭ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެ އެވެ. މި 6 ކާޓަން ސިނގިރޭޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް ނޮވެމްބަރު 12 ވަނަ ދުވަހު ބެލިއިރު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މީގެއިތުރުން މި މައްސަލައިގައި ކަން ހިންގާފައިވާގޮތް ބަލަމުންދަނިކޮށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި 25 ކާޓަން ސިނގިރޭޓް މަދުވެފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. މި ތަކެއްޗަކީ 2024 ޑިސެމްބަރު 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނައި ތަކެއްޗެވެ.


