ހިޔާ ޓަވަރުގައި މީހުންނަށް ބިރުދައްކައިގެން ފައިސާ ފޭރޭ މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން މީހާއަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ރިމާނާ މޫސާ، 39 އަހަރެވެ. މީނާގެ މައްޗަށް ތުހުމަތު ކުރަނީ ފޭރުމުގެ މައްސަލަތަކެއް ގައެވެ.
މީނާގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފަ އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ މީނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި މީނާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއީ އިންތިޒާމުވެގެން ހިންގާފައިވާ ކުށެއްކަމަށް ބެލެވޭ ކަމަށާއި މި ކުށ ކޮށްފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެ އެވެ.
މީނާގެ ބަންދު މަޖިލީހުގައި ވާހަކަ ދައްކަމުން ދައުލަތުގެ ވަކީލު ބުނެފައިވަނީ، މި މައްސަލައިގައި ދައުވާ ކުރުމަށްޓަކައި ލިޔެކިޔުންތައް ޕީޖީ އޮފީހަށް ބަލައިގެންފައިވާ ކަމަށެވެ.
މި މައްސަލައިގައި މީގެކުރިން ދެ ފަހަރެއްގެ މަތިންވެސް މީނާގެ ބަންދު މުއްދަތު ޖަހާފައިވެ އެވެ.
މީގެއިތުރުން މި މައްސަލައިގައި ހިމެނޭ އަހުމަދު މިހާދު، 44 އަހަރުގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވެސް ވަނި 30 ދުވަސް ދީފަ އެވެ. އަދި މީނާއަށްވެސް ދައުވާ ކުރުމަށްޓަކައި ލިޔެކިޔުންތައް ޕީޖީ އޮފީހަށް ބަލައިގެންފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ހިޔާ ފްލެޓް ހުޅުމާލެ ފޭސް 2 ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)