ޔުނިވާސަލް ރިސޯޓްސްގެ މައި ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސް އިން އެ ކުންފުނީގެ ހޮޓެލް މެނޭޖްމަންޓް ވިޔަފާރި ވާރސާ ހޮސްޕިޓަލިޓީގެ ނަމުގައި ރީބްރޭންޑް ކުރުމާއެކު، އާ ހޮސްޕިޓަލިޓީ ލައިފްސްޓައިލް ބްރޭންޑެއް ކަމަށްވާ ނިވާ ހޮޓެލްސް އެންޑް ރިސޯޓްސް ތަޢާރަފުކޮށްފި އެވެ.
މި ބަދަލަކީ ހަމައެކަނި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން މެދުވެރިކޮށް ރިސޯޓްތައް ހިންގާ ”ބީ2ބީ ފޯކަސްޑް“ ކުންފުންޏެއްގެ ބަދަލުގައި ދުނިޔެ ބަލައިގަންނަ، ”ކޮންޒިއުމާ ސެންޓްރިކް“ ބްރޭންޑަކަށް ބަދަލުވުމަށް އަޅާ ފިޔަވަޅެއްކަމަށް ކުންފުނިން ބުނެފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ޔުނިވާސަލް އެންޓަޕްރައިސަސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އުމަރު މަނިކު ކޯޕަރޭޓް މޯލްޑިވްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، 1972 ވަނަ އަހަރު ކުރުނބާ ހުޅުވުމާއެކު ފެށުނު، ރާއްޖޭގެ ރިސޯޓް ޓޫރިޒަމް ބައްޓަންކުރުމުގައި ކުންފުނިން ވޭތުވެދިޔަ 50 އަހަރު އިސް ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި ބަރޮސް، ކުރަމަތީ، ހުވަފެންފުށި، ވެލައްސަރު، މިލައިދޫ އަދި ލަބްރިޒް ފަދަ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ރިސޯޓްތައް ތަރައްޤީކޮށްފައިވާ ކަމަށް އަހުމަދު އުމަރު މަނިކު ވިދާޅުވި އެވެ.
”ވާރސާއަކީ ހަމައެކަނި އާ ނަމެއް ނޫން. މިއީ އަޅުގަނޑުމެންގެ ރިސޯޓް ޕޯޓްފޯލިއޯގެ ފުރިހަމަ ޤާބިލުކަން ބޭނުންކުރުމަށާއި، ކުރިމަގުގައި ކުންފުނި ކުރިއަރުވަން ބޭނުންވާ ދިމާއަށް ވާސިލުވުމަށް ގެނެވޭ އިސްތިރާޖީ ބަދަލެއް،“ އުމަރު މަނިކު ވިދާޅުވި އެވެ.
މި ބަދަލާއެކު ކުންފުނި އުފެއްދި އާއިލާގެ ދެވަނަ ޖީލުގެ މެންބަރެއްކަމަށްވާ އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ބޯޑު ޑިރެކްޓަރު ވިޝާ މާހިރު ވަނީ ވާރސާ ހޮސްޕިޓަލިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް އައްޔަންކުރައްވާފަ އެވެ. ވިޝާ ވަނީ ވޭތުވެދިޔަ 20 އަހަރު ޔުނިވާސަލް އެންޓަޕްރައިސަސްގެ އެކި އިސް މަޤާމުތައް ފުރުއްވާފަ އެވެ. އެންމެ ފަހުން އަދާކުރެއްވީ ޔުނިވާސަލް ރިސޯޓްސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަޤާމެވެ.


