ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރެއްވިއިރު، އޭރުގެ ރައީސް އަބްދުﷲ ޔާމީން އުޅުއްވީ ތާސްކުޅުމާއި، ޝޮޕިން ކުރެއްވުމުގައި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ތުހުމަތުކުރައްވައިފި އެވެ.
އަދީބަކީ އޭރު، ބްރީޖްގެ މަސައްކަތްތަކާއި އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނެވި ފަރާތެވެ.
ފޭސްބުކްގައި ކުރެއްވި ވިޑިއޯ ޕޯސްޓެއްގައި އަދީބް ވިދާޅުވީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ އެތައް ބައެއްގެ ބުރަ މަސައްކަތުން އުފައްދާފައިވާ ބްރިޖެއް ކަމަށެވެ. އަދި މި ބްރިޖާއި ބެހޭގޮތުން މިފަހުން ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވާދެއްވުމަށް ވަރަށް ގިނަ ބަޔަކު އޭނާ އަރިހުން އެދެމުންދާތީ އެކަމުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭނުންވެވަޑައިގަތް ކަމަށް އަދީބު ވިދާޅުވި އެވެ. އޭގެ ތެރޭގައި އެކި ފިކުރުގެ މީހުން ހިމެނޭ ކަމަށް އަދީބު ހާމަކުރެއްވި އެވެ.
އަދީބު މި މައުލޫމާތު ހިއްސާކުރެއްވީ އިކޮނޮމިކް ކައުންސިލްގެ ކޯ-ޗެއާގެ ހައިސިއްޔަތުން ނެވެ.
އަދީބު ވިދާޅުވީ އޭރު ޗައިނާއާއިއެކު ބްރިޖް މަޝްރޫއުއާއި ބެހޭގޮތުން ވާހަކަދެއްކިއިރު ޔާމީން އޭރު ގިނައިން ހުންނެވީ ”ޝޮޕިން ކުރެއްވުމާއި ތާސް ކުޅުއްވުމުގައި“ ކަމަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ޔާމީން ބައްދަލުކުރެއްވި ނަމަވެސް، ގިނަ ނެގޯސިއޭޝަންތަކުގައި އެމަނިކުުފާނު ބައިވެރިވެވަޑައިނުގަންނަވާކަން އޭރުގެ މިނިސްޓަރުން ހެކިވެވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ. އަދި ޕްލޭނިން ސްޓޭޖްގައިވެސް ޔާމީންގެ ބައިވެރިވެވަޑައިގަތުން މަދު ކަން އަދީބު ފާހަގަކުރެއްވި އެވެ.
”އަޅުގަނޑުމެން މީޓިިންގއަކަށް އަރަން ބުނީމަވެސް ވަރަށް އުނދަގުލުން މީޓިންގއަކަށް އަންނަނީ. އެއިރު ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝަރީފް، މިއަދުގެ ރައީސް މުއިއްޒު، ހަމައެހެންމެ އިކޮނޮމިކް މިނިސްޓަރ ސައީދު، ފިޝަރީޒް މިނިސްޓަރ ޝައިނީ، އިކޮނޮމިކް ކައުންސިލްގައި ހެކިވާނެ އަޅުގަނޑުމެން ޖެހުނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން.، ކޮންމެ ކަމެއްގައިވެސް ޔާމީން ވިދާޅުވަނީ، އަދީބު ކުރިއަށްގެންދާށޭ، މިސާލަކަށް ޗައިނާ ރައީސްގެ އަރިހުގައި އޭތި ޖަސްޓިފައި ކުރަން ބުނީމަވެސް، ޔާމީން ބުނަނީ އަދީބު ޖަސްޓިފައިކޮށްދޭށޭ،“
ބޯހޯލް ސްޓަޑީޒްވެސް ބެލީ އިކޮނޮމިކް ކައުންސިލުން ކަމަށާއި ބްރިޖްގެ އެމްއޯޔޫގައިވެސް ސޮއިކުރެއްވީ އޭނާ ކަމަށް އަދީބު ހާމަކުރެއްވި އެވެ. ޔާމީން ބްރިޖްގެ ގިނަ މަސައްކަތްތައް އޭނާއާއި ހަވާލުކުރެއްވީ ބްރިޖް އެޅޭނެ ކަމަށް ގަބޫލުނުކުރައްވާތީ ކަމަށް އަދީބުގެ ވާހަކައިން ދޭހަވެގެންދިޔަ ކަމަށް އަދީބް ވިދާޅުވި އެވެ. އެގޮތުން އަދީބު ވިދާޅުވިގޮތުގައި ބްރިޖް ވުޖޫދުވާނެ ކަމަށް އޭރުގެ ބައެއް މިނިސްޓަރުންނާއި ޚުދު ޔާމީން އަމިއްލައަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް، އޭރުގެ ހައުސިން މިނިސްޓަރު ކަމުގައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބްރިޖް އެޅޭނެ ކަމަށް ގަބޫލު ކުރެއްވި ކަމަށާއި އިކޮނޮމިކް ކައުންސިލުގައި އެމަނިކުފާނު ބައިވެރިކުރެއްވުމަށް ޔާމީން ކިބައިން އެދިވަޑައިގެންނެވި ކަމަށް އަދީބު ހާމަކުރެއްވި އެވެ.
އަދީބު މިހެން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒަކީ އޭރުވެސް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ފެންވަރުގެ އިލްމު ހޯއްދަވާފައިވާ ބޭފުޅެކެވެ.
އޭނާ ވިދާޅުވީ، ބްރިޖް އޮތީ އިކޮނޮމިކް ކައުންސިލުން ފައިނަލް ކުރި ގޮތަށް ކަމަށެވެ. އެގޮތުން ބްރިޖާއި، ފީސިބިލީޓީ އާއި އޭގެ ބޯހޯލް ސްޓަޑީއަކީ ބަދަލު ކުުރެވޭނެ ކަންކަމެއް ނޫން ކަމަށްވެސް އަދީބު ވިދާޅުވި އެވެ.
”މިހާރު ކޮންފިއުޒް ވެގެން މި އުޅެނީ ބައިސްކަލް އަދި ޖޮގިންގ ލޭން، އެއީ އެއް ލޭނެއް، އެތާގައި ޖޮގް ކުރާނެ ކަން ނިންމާފައި އޮތީ ޔާމީން، ބައިސްކަލް ދުއްވަން ނުޖެހޭ ކަމަށާއި، އެއީ އަޅުގަނޑު ހަނދާންވާގޮތުން ރައީސްް ޔާމީންގެ ޑިޒިޝަނެއް، މިއަދު ޔާމީން ހަނދުމަފުޅު ނުހުންނަނީ، އެއީ އެ ބޭފުޅާގެ ގޮތް، އެއްވެސް ކަމެއްގައި ހަނދުމަފުޅު ނުހުރޭ. އެމްއެމްޕީއާރްސީގެ މޭސްތިރިޔާއަކީ އެ ބޭފުޅާ. އެބޭފުޅާގެ އެސެޓް، އެބޭފުޅާގެ އެކައުންޓް. އެކަމަކު އެކަންވެސް އަޅުގަނޑާއި ޒިޔަތުގެ ބޮލުގައި އެޅުވުނީ. ހަމައެެގޮތަށް މިހާރު ލޭން އެ އެޅުވީ ރައީސް މުއިއްޒުގެ ބޮލުގައި“
ޔާމީން މިހާރު ލޭންގެ ވާހަކަ ދެއްކުމަކީ ޗައިނާއަށް ބަދުބަސް ރައްދުކުރެއްވުމުގެ ގޮތުގައި އަދީބު ސިފަކުރެއްވި އެވެ. އަދި ބްރިޖް އެޅުއްވީ ރައީސް ޔާމީން ބޭނުންވެވަޑައިގަތް ގޮތަށް ކަން އަދީބު ފާހަގަކުރެއްވި އެވެ.
އަދީބުގެ ވާހަކަ ނިންމަވާލައްވާފައިވަނީ ދޮގު ވާހަކަތައް ފަތުރަންޏާ އެކަން ހުއްޓުވަން އަދިވެސް ވާހަކަދައްކަވާނެ ކަމަށް ވިދާޅުވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީން ރާއްޖެ - ޗައިނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިނަމާލެ ބްރިޖް