ރާއްޖޭގައި މަސްތުވާތަކެތި ގެންގުޅުނު ކެނެޑާ މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި މައްސަލައިގައި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނި ކެނެޑާގެ ރައްޔިތެއް ކަމަށްވާ ސްކޮޓް ވިލިއަމް އާމްސްޓްރޯންގްގެ މައްޗަށެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 2019 ޖުލައި 21 ވަނަ ދުވަހު ބ. މާޅޮސް ތުނޑިވިލެޖް މޯލްޑިވްސް އެންޑް ސްޕާގެ ކޮޓަރިއެއްގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ގެސްޓްހައުސްގެ މީނާ ހުރި ކޮޓަރިއަށް ވަނުމުން ފުލުހުންނަށް އެއްބާރުލުން ދޭނެކަމަށް ބުނެ، ކޮޓަރީގައި ހުރި މިނީބާ ތެރޭގައި އޮތް ކޮންޓެއިނަރެއް ނަގައި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 26.75 ގްރާމުގެ ކެނެބިސް ފެނިފައިވާ ކަމަށާއި އަދި އެ ކޮޓަރީގައި ހުރި ދަބަހެއްގެ ތެރެއިން 0.1165 ގްރާމްގެ ކެނެބިސް ފެނިފައިވާ ކަމަށެވެ.
މި މައްސަލައަށް ކޯޓުގައި އޭނާ ވަނީ އިންކާރު ކޮށްފައެވެ. އަދި މިއީ އޭނާގެ އެއްޗެހި ނޫން ކަމަށް ބުނެފައިވެއެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ފަތުރުވެރިއެއް ކަމަށާއި އޭނާ މަޑުކޮށްގެން ހުރި ކޮޓަރިއަކީ އެހެން މީހުންނަށް ވެސް ވަދެވޭނެ ކޮޓަރިއެއް ކަމަށެވެ. އެހެންނަމަވެސް މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކޮށްފައެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ މިނާގެ މައްޗަށް އުުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖުރިމަނާ ކުރުމުގެ ހުކުމެއް އިއްވާފައެވެ. އަދި މީގެތެރެއިން އޭނާ ބަންދުގައި ހުރި މުއްދަތަށް ރިއާޔަތްކޮށް ތަންފިޒު ކުރަންޖެހޭ އަދަބަކީ 24 އަހަރާއި 6 މަހާއި 21 ދުވަސް ކަމަށް ކަނޑައަޅާފައިވެއެވެ.