މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލައަކީ މި ސަރުކާރުން އެންމެ އިސްކަން ދީގެން ބަލާނެ އެއް މައްސަލަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި މައްސަލައަކީ ދައުލަތު ވަރަށް ބައިވަރު ފައިސާ ހިމެނޭ މައްސަލައަކަށްވުމުން އެ މައްސަލައަކީ އެންމެ އިސްކަން ދީގެން ބަލާނެ އެއް މައްސަލަ ކަމަށެވެ.
އަޅުގަނޑުމެން އެންމެ އިސްކަމެއް ދީގެން ބަލާނެ އެއް މައްސަލައޭ އެމްއެމްޕީއާރްސީގެ މައްސަލައަކީ. އެއީ ދައުލަތުގެ ފައިސާ އޭ. ވަރަށް ބައިވަރު. މަދު އެތިކޮޅެއް ނޫން. ވަރަށް ބައިވަރު ފައިސާ ގެއްލިގެން މިއުޅެނީ.
އަބްދުއްރަހީމް ވިދާޅުވީ މި ފައިސާއަށް ވީގޮތް ބައެއް ބޭފުޅުންނަށް އަމިއްލައަށް ބުނެވޭ ހާލަތަށްވެސް އެބަދާ ކަމަށާއި އެ މައްސަލަތައްވެސް ބައްލަވާނެ ކަމަށެވެ.
އެމްއެމްޕީއާރްސީ މައްސަލައިގެ އިތުރުން ވެންޓިލޭޓަރު މައްސަލައާއި ފެނަކައިގެ މައްސަލަވެސް ބަލާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި މީގެ އިތުރުންވެސް މިފަދަ ބޮޑެތި މައްސަލަތައް މި ސަރުކާރުން ބަލާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައަކީ ޕީޕީއެމް ޕީއެންސީން އިދިކޮޅުގައި އޮތް އިރު އެންމެ ގިނައިން ދެއްކި އެއް ވާހަކަ ކަމަށާއި މިހާރުވެސް އެ ވާހަކަ ދައްކާ ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށެވެ. މީގެ އިތުރުންވެސް ދައުލަތަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއްނަމަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ދައުލަތަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ބަލާ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރައްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާކަން އަބްދުއްރަހީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްއެމްޕީއާރްސީ ހިޔާނާތް ވެންޓިލޭޓަރު ހިޔާނާތް ފެނަކަ ހިޔާނާތް