ދެކުނާއި އުތުރުގައި ސިއްހީ ދާއިރާ ތަރައްގީ ކުރަން ކުވައިތުން ތިން މިލިއަން ކުވައިތީ ދީނާރު ނުވަތަ 150 މިލިއަން ރުފިޔާގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ”ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް“ ހިންގުމަށް ދިވެހި ސަރުކާރާއި ކުވޭތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑެވެލޮޕްމެންޓާއި ލޯނު އެއްބަސްވުމެއްގައި ސޮއިކުރެއްވިއިރު، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގެވެ. އަދި ކުވޭތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑެވެލޮޕްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ފެންޑްގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ވަލީދު އަލް ބަހަރް އެވެ.
މާލީ ވުޒާރައިން ބުނީ މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގައި ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ހިދުމަތް ލިބޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީއަށާއި ފަތުރުވެރިންނަށް ސިއްހީ ހިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދެވި، ދެވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށިގެންވާ ގޮތެއްގައި ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވަ އެވެ.
އެ ވުޒާރާއިން ބުނީ މި ހޮސްޕިޓަލުތައް ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނެނީ އިމާރާތް ކުރުމުގެ މަސައްކަތާއި، ހޮސްޕިޓަލް އިމާރާތްތަާއި، ހިދުމަތްތަކުގެ އިލެކްޓްރޯލް-ޓެކްނިކަލް މަސައްކަތާއި، ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި، ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖީނިއަރިންގ ހިދުމަތްތަކާއި އަދި މަޝްރުއުގެ ތަންފީޒު ކުރާ ޔުނިޓް ކަމަށެވެ.
ރާއްޖެ - ކުވެއިތް މިނިސްޓްރީ އޮފް ހެލްތް މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު
