ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަލީ އިބްރާހީމް (ދޮން އަލިބެ) އަވަހާރަވެވަޑައިގަތާ ގުޅުމުން ޕީޕީއެމްއިން ތައުޒިޔާ ކިޔައިފި އެވެ
ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުންގެ ދޮންބައްޕާފުޅު އަވަހާރަވެވަޑައިގަތް ހަބަރު އެ ޕާޓީގެ ލީޑަރުން އަޑުއެއްސެވީ ފުން ހިތާމައާއި އެކީގައި ކަމަށް ވިދާޅުވެފަ އެވެ.
”އަދި މިއީ މުޅި ކޯލިޝަނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް“
އެއާއެކު، އެ ޕާޓީން ވަނީ މަރުހޫމުގެ ފާފަތައް ފުއްސަވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް ލިބިވަޑައިގަތުމަށް ހެޔޮ ދުއާ ކުރައްވާފަ އެވެ. އެކަމުގެ ހިތާމައިގައި ކޯލިޝަންގެ އެނެމެހާ މެމްބަރުން ބައިވެރިވެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެޑަމް ސާޖިދާ އާއި އާއިލާއަށް ހުރިހާ މެމްބަރުންގެ ނަމުގައި ވަނީ ތައުޒިޔާ ކިޔާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެޑަމް ސާޖިދާ އާއި އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދި އެ ކޯލިޝަނުން ވަނީ ދުޢާ ދަންނަވާފަ އެވެ.
ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވީ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 78 އަހަރެވެ.
އަލީ އިބްރާހިމްގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު، އިސްލާމީ މަރުކަޒުގަ އެވެ. މޫނު ދެއްކުންވެސް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގަ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މިވަގުތު އިންޑިއާގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކޮންގްރެސް ޕާޓީ ޕީޕީއެމް