ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް އެވެ.
މި ހުރިހާ ތަކެއްޗާއި ކަންކަން، އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމީ އަމާނާތެއް ކަމަށާއި ދިވެހި ޤައުމުގެ ދެމިއޮތުމަށްޓަކައި މިކަންކަން އަދާކުރުމަކީ ލާޒިމު ވާޖިބެއް ކަމުގައި އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ޚާއްސަ މެސެޖެއް ދެއްވާފައެވެ. އެކަމަނާގެ ރަސްމީ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓްގައި ފާހަގަކުރެއްވި ގޮތުގައި ”ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ މަސައްކަތްތެރި، ހީވާގި އަދި މުރާލި ބައެއް“ އެވެ.
ދިވެހިވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި، ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤައުމީ އަމާނާތެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު
