ޕާސްޕޯޓު ހެއްދުމަށްފަހު ނުނަގައި ގިނަ ދުވަސްވެފައި ހުރި ޕާސްޕޯޓުތައް ނެގުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަ ދުވަސް ވަމުންދާކަން ފާހަގަކުރެވިފައިވެއެވެ. އަދި ޕާސްޕޯޓު ހައްދައި ޕާސްޕޯޓާއި ހަވާލުނުވެ ހަ މަސްދުވަހަށްވުރެ ގިނަދުވަސް ވެފައިވާ ފަރާތްތަކުން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ޕާސްޕޯޓާއި ހަވާލުވުމަށް އަންގާފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވާ ގޮތުގައި، 31 ޑިސެންބަރުގެ ނިޔަލަށް ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ދިވެހި ޕާސްޕޯޓާއި ބެހޭ ގަވާއިދުގެ ދަށުން ކެންސަލް ކުރެވޭނެއެވެ. މިދިޔަ މަހު އެކަނި 3458 ޕާސްޕޯޓު ހައްދާފައިވާކަން ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ވެލާނާގެ ބިލްޑިންގްގެ 1 ވަނަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަންގެ ސިޓިޒަން ސަރވިސް ޑިވިޜަނަށް ވަޑައިގެން ނުވަތަ 9555333 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. މީގެ އިތުރުން passports@immigration.gov.mv އަށް މެއިލް ކުރައްވައިގެންވެސް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.