ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބަޔޯމެޓްރިކްސް ދިނުމަށް ސަރުކާރުން ދިން މުއްދަތު ހަމަވިއިރުވެސް ބަޔޯމެޓްރިކްސް ނުދީ ތިބި 509 ބިދޭސީއަކު ޑީޕޯޓުކޮށްލައިފި އެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިކަން ހާމަކުރައްވާފައިވަނީ މިއަދު ހޯމް ޓީމުން ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސެއްގަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ އެންމެންނަކީ ސައްހަ ލިޔެކިޔުން ހުރި ސަރުކާރަށް އެ މީހުންގެ މައުލޫމާތު އެނގޭ ބަޔަކަށް ހެދުމުގެ މަސައްކަތްތަކެއް ފޭސް ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން 202،000 މީހެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންނަށް ވެސް ބަޔޯމެޓްރިކްސް ދިނުމަށް ފުރުސަތުތަކެއް ދިންކަން ފާގަހަކޮށް އިހުސާން ވިދާޅުވީ 15 ނޮވެމްބަރު 2025 އިން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް އެއް މަސް ތެރޭގައި، މިހާތަނަށް ފިންގަޕްރިންޓް ނުދީ، ރާއްޖޭގައި އުޅެމުން ދިޔަ ބިދޭސީންގެ ތެރެއިން 509 ބިދޭސީން އިމިގްރޭޝަނުން ރާއްޖެއިން ޑިޕޯޓުކޮށްލާފައިވާ ކަމަށެވެ.
މިއާއެކު މި ދެ އަހަރު ޑީޕޯޓު ކުރި ބިދޭސީންގެ ޖުމްލަ 9،695 އަށް އަރާފައިވާ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
އިހުސާނު ވިދާޅުވީ ބިދޭސީންގެ ބަޔޯ މެޓްރިކްސް ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ދެން އިން ފޭސް ފަށާނީ އަންނަ ޖެނުއަރީ މަހު ކަމަށާއި، ޖެނުއަރީން ފެށިގެން އޭޕްރީލް ދެ ވަނަ ދުވަހާއި ހަމައަށް ހުޅުވާލާނީ ބަޔޯމެޓްރިކްސް ނަގާފައިވާ މީހުންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ މީހުން ގަވައިދު ތެރެއަށް ވެއްދުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ފަހު ފޭސް އޭޕްރިން 2 ވަނަ ދުވަހުން ފެށިގެން 2027 މެއި މަހުގެ 27 ގެ ނިޔަލަށް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އިހުސާން ވިދާޅުވީ މިހާތަނަށް މައުލޫމާތު އެއްކުރި މީހުންގެ ތެރެއިން އެމްޕްލޯޔަރެއް ނެތް މީހުން އެމްޕްލޯޔަރެއް ހޯދައި، ނިޒާމުގެ ތެރެއަށް ވަންނަން ތިން މަސްދުވަހުގެ މުހުލަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.


