އައްޑޫ ހައި ސްކޫލްގެ ދަރިވަރަކަށް ޓީޗަރަކު އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެން، އެ ޓީޗަރު ވަޒީފާއިން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.
މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ކްލާސްރޫމެއްގެ ތެރޭގަ އެވެ. ވީޑިއޯއިން ފެންނަނީ ދަރިވަރަކާއި ޓީޗަރެއްގެ މެދުގައި ދެބަސްވުންތަކެއް އުފެދި، އެއަށްފަހު ދަރިވަރު ބުނާ ކޮންމެވެސް އެއްޗެއްގެ ސަބަބުން ޓީޗަރު ދަރިވަރުގެ ގައިގައި ޖަހާ މަންޒަރެވެ. އަދި އެ ޓީޗަރަކު ފިރިހެން ދަރިވަރަކު ކޮއްޕާލައި ވައްޓާލުމަށްފަހު، އެ ދަރިވަރުގެ ގައި މައްޗަށް އަރައި ކަރުގައި ހިފާ މަންޒަރުވެސް ވީޑިއޯއިން ފެނެ އެވެ.
އެވަގުތު ދަރިވަރު އޭނާގެ އަމިއްލަ ދިފާއުގައި އުޅޭ މަންޒަރުވެސް ފެނެ އެވެ.
މި ހާދިސާ ހިނގާއިރު ކްލާހުގައި ތިބި އެހެން ދަރިވަރުން، ޓީޗަރާއި ދަރިވަރު ހަމަޖެހުމަށް އެދި ބުނާ އަޑުވެސް ވީޑިއޯއިން އިވެ އެވެ.
މި މައްސަލައާ ގުޅޭގޮތުން ’ޖަވިޔަނި‘ އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަނިޔާކުރި ޓީޗަރަކީ ބިދޭސީ ޓީޗަރެއް ކަމަށާއި، މިހާރު އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އެ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ކަންކަން ކަމަށެވެ.


