އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއިން ފަށައިފި އެވެ.
އެޑިއެކޭޝަން މިނިސްޓްރީއިން ބުނީ، އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަތޮޅުތަކުގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި މިނިސްޓްރީއިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުން ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.
އެގޮތުން، އަންނަ އަހަރަކީ ކުރިން އޮތްގޮތަށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާ އަހަރެވެ. މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ވަނަ ދުވަހުގަ އެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގަ އެވެ. ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ.
ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހު އެވެ.



