އިޓަލީ ވިލާތުގައި ރާއްޖޭގެ އެމްބަސީއެެއް ގާއިމްކުރަން އުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ރައީސް މިކަން ހާމަކުރެއްވީ މާދަމާ ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ތުރުކީ ވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރުމަށް ހުއްދަ ލިބުނު ކަމަށެވެ. ހަމަ އެގޮތަށް މިއަހަރު ތެރޭ އިޓަލީ ވިލާތުންވެސް އެގައުމުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރަން ހުއްދަ ލިބުނު ކަމަށް ރައީސް މައުލޫމާތު ދެއްވި އެވެ.
”މި ނިމިގެންދާ އަހަރުގެ ތެރޭގައި، ތުރުކީވިލާތުގައި އަޅުގަނޑުމެން އެމްބަސީއެއް ހުޅުވައިފިން. އަޅުގަނޑުމެންނަށް މިހާރު ހުއްދަ ލިބިފައި އެބައޮތް، އިޓަލީވިލާތުގައި އެމްބަސީ ހުޅުވަން. އިޓަލީ ސަރުކާރުން ހުއްދަ ދެއްވާފައި. އަޅުގަނޑުމެން އެކަމަށް ހުށަހަޅައިގެން. އަޅުގަނޑުމެންގެ ޓޫރިޒަމަށް ވަރަށް މުހިންމުވީމަ، އެކަން ކުރަން ނިންމީ.“
އެއާއެކު، ދިވެހިންގެ ވިޔަފާރިއަށް މުހިންމު އެހެން ބޭނުންތެރި ގައުމުތަކުގައި ދިވެހި ސަރުކާރުން ހައި ކޮމިޝަން ހުޅުވުމުގެ ހުއްދަ ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އެތަނަކީ ދިވެހިންނަށް ފައިދާހުރި ތަންތަނަށްވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮންނަ ތަނުގައި މި މަގުން ހާރިޖީ ދާއިރާ ކުރިއަށްގެންދަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އިޓަލީ ވިލާތަކީ ރާއްޖެއަށް ފުދޭވަރަކަށް ގިނައިން ފަތުރުވެރިން އަންނަ ގައުމެކެވެ. މިއަހަރުގެ އޮގަސްޓް މަސް ނިމުނުއިރު އިޓަލީ އިން 100،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިޓަލީ ފަތުރުވެރިކަން ޖުމްހޫރީ ދުވަސް