މަޝްހޫރު ޑްރާމާ ސީރީޒް ”ދަ ވިޗާ“ގެ ލީޑް އެކްޓަރު ލިއަމްސް ހެމްސްވޯތު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު އެކްޓަރު ލިއަމްސް އާއި އޭނާގެ ލޯބިވެރިޔާ، އިނގިރޭސި މޮޑެލް ގެބްރިއޭލާ ބްރޫކްސް މިވަގުތު ހުރީ ރ. އަތޮޅުގައި ހުންނަ ޖޯލި ބީންގް ރިސޯޓުގަ އެވެ. ލިއަމް ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ މަންޒަރުތައް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އިއްޔެ ޙިއްސާކޮށްފައިވެ އެވެ.
ލިއަމް ރާއްޖެ އައިސްފައިވަނީ ”ދަ ވިޗާ“ ސީރީޒްގެ އާ ސީޒަން ނެޓްފްލިކްސްއިން ރިލީޒްކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. މި ސީރީޒްގެ އާ ސީޒަން މި މަހުގެ 30 ވަނަ ދުވަހު ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.
ސީރީޒްގެ އާ ސީޒަންގައި މައިގަނޑު ކެރެކްޓަރު ކަމަށްވާ ގެރެލްޓްގެ ރޯލު އަދާކުރާނީ ލިއަމް އެވެ. މި ރޯލު ކުރިން އަދާކުރަމުން އައި އިނގިރޭސި އެކްޓަރު ހެންރީ ކެވިލް ވަނީ ސީރީޒްގެ އުފެއްދުންތެރިންނާ ދެމެދު ދިމާވި ފަންނީ ދެބަސްވުންތަކަކާ ގުޅިގެން ސީރީޒް ދޫކޮށްލާފަ އެވެ.
ލިއަމް ހެމްސްވޯތަކީ ”ހަންގަރ ގޭމްސް“ އަދި ”އިންޑިޕެންޑެންސް ޑޭ“ ފަދަ މަޝްހޫރު ފިލްމުތަކުން ފެނިފައިވާ އެކްޓަރެކެވެ. ”ދަ ވިޗާ“ ސީރީޒްގެ އާ ސީޒަންގައި އޭނާގެ ޕަފޯމަންސްއަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ކަމަށް ވެސް ފާހަގަކުރެވެ އެވެ.



