އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި ދެ މީހަކު ނިޔާވެފައިވާ މައްސަލައިގައި ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ނިޔާވެފައިވަނީ ސ. ހިތަދޫ / ކުރެއިންގޭ އިބްރާހިމް ޢަބްދުﷲ (60 އަހަރު) އާއި ސ. މަރަދޫ / ނާރެސް، ފަރަޙްނާޒް ރަޝީދު (52 އަހަރު) ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ދެމަފިރިންނެވެ. އެ ދެމީހުންވެސް ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެއްކޮޓަރިއަކުން ކަމަށް މައުލޫމާތު ލިބެ އެވެ.
އެ ދެމީހުންގެ ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.