ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ މިންވަރު 20 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފިއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިއީ ގެދޮރުވެރިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ގެނެވުނު ބޮޑު ބަދަލެކެވެ.
މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ”ދިވެހި އާއިލާތަކަށް ގެދޮރުވެރިކަން ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިދަނީ ހެޔޮ ބަދަލުތައް ގެންނަމުން. ގެދޮރު ގަތުމަށް ފައިނޭންސިންގ ދޫކުރުމުގައި އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ ނިސްބަތް އެންމެ 5 އިންސައްތައަށް ދަށްކުރުމާއެކު ގެދޮރުވެރިވާން ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މާލީ އެއް ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެ“ ކަމަށެވެ.
މި ބަދަލުގެ ސަބަބުން ލިބޭ ލުއިފަސޭހަކަން އިތުރަށް ސާފުކޮށްދެއްވަމުން ޝަރީފް ވިދާޅުވީ، ”މިސާލަކަށް، 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން ކުރިން 20 އިންސައްތައިގެ އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހޯދަން ޖެހުނު ނަމަވެސް، މި ބަދަލާއެކު އެ އަދަދު މިވަނީ 175,000 ރުފިޔާއަށް ދަށްވެފައި“ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދާދި ފަހުން ބޭންކުން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު 3 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވުމެވެ. މިއީވެސް ގެދޮރުވެރިކަން އިތުރުކުރުމަށް ބޭންކުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.