މި މަހުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި ރާއްޖެއަށް 45،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގައި ޖުމްލަ 45،614 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 38.2 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 32،996 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 1 މިލިއަނަށްވުރެ އިތުރުވެފަ އެވެ. މިގޮތުން ޖުމްލަ 1،011،972 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން 121،393 ފަތުރުވެރިން ޗައިނާއިން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން (111،937) އެވެ. އިނގިރޭސިވިލާތުން 101،781 ފަތުރުވެރިން އައިސްފައިވާއިރު، އިޓަލީވިލާތުން 83،142 އަދި ޖަރުމަނުވިލާތުން 77،012 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 1،200 ތަނެއް ހުޅުވިފައިވާއިރު، ޖުމްލަ އެނދުގެ އަދަދަކީ 63،969 އެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ރިސޯޓުތަކުން (71.6 ޕަސެންޓް) ކަމަށްވާއިރު، ގެސްޓްހައުސްތަކުގެ އެނދުގެ ހިއްސާއަކީ 23 ޕަސެންޓެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން