ދިރާގުން ކުރިއަށް ގެންދިޔަ ”ވިން އަ ސްޕީޑްބޯޓު“ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ފޯރިގަދަ މިއުޒިކް ޝޯއެއްގަ އެވެ.
ދިރާގު މޮބައިލް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި ގުރުއަތުން ނަސީބުވެރިޔަކަށް ހޮވުނީ ގއ. ވިލިނގިލީ، ހުސައިން ފަޔާޒެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ ޔަމަހާ 175 ހޯސްޕަވަރުގެ އައުޓްބޯޑު ދެ އިންޖީނު އަޅާފައިވާ އަލް ޝާލީ މެރިންގެ މަޖެލަން 32 ލޯންޗެކެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ ސެޕްޓެމްބަރު މަހުން ޑިސެމްބަރު މަހަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އިނާމުގެ ގޮތުގައި ދިން މަޖެލަން 32 ލޯންޗަކީ 12 މީހުންގެ ޖާގައިގެ 32 ފޫޓުގެ ލޯންޗެކެވެ. މި ލޯންޗުގައި އަރާމު ޑެކަކާއި ހިތްފަސޭހަ ކެބިންއަކާއި ބަދިގެއެއް ވެސް ހިމެނެ އެވެ.
ދިރާގުން ކުރިއަށް ގެންދިޔަ ”ވިން އަ ސްޕީޑްބޯޓް“ ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ދިރާގުން ބުނެ އެވެ.
2023 ވަނަ އަހަރު ވެސް ދިރާގުން ވަނީ މިފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް، އޭރު އިނާމުގެ ގޮތުގައި ޓެސްލާ ކާރެއް ދީފަ އެވެ.
