ބަންކަރިންގެ ހިދުމަތް ހޯދަން އަންނަ އުޅަނދުތަކުން ކުނި ނެގުމުގެ ހިދުމަތް ވެމްކޯއާއި ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ހޯދަން އަންނަ އުޅަނދުތަކުން ކުނި ނެގުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ބޭނުންކުރާ އުޅަނދުތަކުން އާންމުކޮށް ފުރުމުގެ ކުރިން އެ އުޅަނދުތަކުގައި ހުންނަ ކުނި ބާލާ ކަމަށެވެ. އަދި މި އިސްނެގުމަކީ ހަމައެކަނި އެމްޕީއެލްއަށް އާމްދަނީ ލިބޭނެ ކަމެއް ނޫން ކަމަށާއި ވެމްކޯއަށްވެސް މިކަމުން އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ވަޖީހު އިތުރަށް ވިދާޅުވީ ކުނި އަންލޯޑްކުރުމަށް ހަވާލުވާނީ ވެމްކޯ ކަމަށާއި، ވެމްކޯއިން ދެން އެ ކުނި ނައްތާލާނެ ކަމަށެވެ. އަދި މިިކަމަށް ހާއްސަ މަރުކަޒެއް ހއ. އުލިގަމާ ކައިރީގައި ހުރި ރަށެއްގައި ގާއިމުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

”(ކުނިތައް އަންލޯޑްކުރުމަށް) އެތަނުން ހަވާލުވާނީ ވެމްކޯ. ވެމްކޯއިން ދެން ގޮސްފައި ނައްތާލާ ގޮތަކަށް ކުރިއަށް ގެންދާނީ. މިކަމުގައި ވެމްކޯއާ އެއްކޮށް އެބަހުރި އެއްބަސްވެފައިވާ ޕްލޭންތަކެއް ވެސް. އެ ހިސާބުގަނޑުގެ ކައިރި ރަށެއްގައި މިކަމަށް ހާއްސަ ތަނެއް ހެދިގެން މި މަސައްކަތް ކުރިއަށް ގެންދާ ގޮތަށް. އެއީ އުލިގަމެއް ނޫން. އުލިގަމާ ވަރަށް ކައިރީގައި އެބަހުރި ބައެއް ރަށްތައް. އޭގެ ތެރެއިން ކޮންމެވެސް އެއް ރަށެއްގައި ހާއްސަ މިކަމަށް މަރުކަޒެއް ގާއިމުކޮށްފައި ވެމްކޯ އާއި އެމްޕީއެލްއާ ގުޅިގެން ހިދުމަތްތައް ފޯރުކޮށްދޭނީ،“

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ވަނީ އުޅަނދުތަކުން ބޭނުންކޮށްފައިވާ ތެޔޮ ނެގުމަކީ ގޮންޖެހުމަކަށް ވާނެ ކަމަށް ގަބޫލުކުރެއްވި ނަމަވެސް ވެމްކޯގެ މިހާރު ހުރި ނިޒާމުތަކަށް އެކަން މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ވެމްކޯއިން މިހާރު ދަނީ ރާއްޖޭގެ އުތުރު ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ބޮޑު މަރުކަޒެއް ގާއިމް ކުރަމުން ނެވެ. އަދި އދ. ކުނބުރުދޫގައި ރީޖަނަލް ވޭސްޓް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުން އެބަދެ އެވެ.

މުޖުތަބާ ވިދާޅުވީ ބޭނުންކޮށްފައިވާ ތެލަށް ހާއްސަ ޓޭންކެއް ގާއިމްކޮށް، އެތަނުގައި ރީފައިންކޮށް ޕްރޮސެސްކޮށް އަލުން ބޭނުން ކުރުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަން ގާއިމް ކުރުމަށް ބައިނަލްއަގްވާމީ ބައިވެރިންނާއެކު މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ ޕްލޭންގައި ހިމެނެނީ ބޭނުންކޮށްފައިވާ ތެލަށް ހާއްސަ ޓޭންކެއް ގާއިމްކޮށް، އެތަނުގައި ރީފައިންކޮށް ޕްރޮސެސްކޮށް އަލުން ބޭނުން ކުރުމަށް. މިހާރުވެސް މި ހިދުމަތްތައް ފޯރުކޮށްދޭ ބައިނަލްއަގްވާމީ ބައިވެރިން އެބަތިބި، އަދި މި އޮޕަރޭޝަން ގާއިމް ކުރުމަށް އެމީހުން އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރާނެ،“

އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޖީހު އިތުރަށް ވިދާޅުވީ ބައެއް ގައުމުތަކުން ބޭނުންކޮށްފައިވާ ތެޔޮ އަލުން ރީ-އެކްސްޕޯޓްކުރާ ކަމަށެވެ. އަމިއްލަ ކުންފުނިތަކުން މިކަމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެމްޕީއެލްއިން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކަށް އައުޓްސޯސް ކުރުމުގެ ބަދަލުގައި ހަމައެކަނި ވެމްކޯއާ އެ މަސައްކަތް ހަވާލުކުރުމަށެވެ.

ވަޖީހު މިފަދައިން ވިދާޅުވެފައިވާއިރު އެންމެ ފަހުން އެމްއެމްއޭ އިން ނެރުނު ރިޕޯޓަށް ބަލާއިރު އޮގަސްޓް މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދު ވަނީ ކުރީ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 29 އިންސައްތައިން އިތުރުވެފަ އެވެ. މި އިތުރުވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ކުރިން އެތެރެކޮށްފައިވާ ޖެޓް ފިއުލް ރީ-އެކްސްޕޯޓްކޮށްގެން ނެވެ.

ބަންކަރިންގ ހިދުމަތް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ