މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވުމާއެކު ތެލުގެ އަގު އުފުލިއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ބީބީސީ އިން ރިޕޯޓްކުރި ގޮތުގައި ދާދިފަހުން އީރާނުން އިޒްރޭލަށް ހަމަލާދިން ފަހުން ތެލުގެ އަގު އުފުލެން ފަށައިފި އެވެ.
މި ހަފްތާގައި ސާފުނުކުރާ ތެލުގެ އަގު ގާތްގަނޑަކަށް %10 މައްޗަށް ގޮސް ގާތްގަނޑަކަށް 78 ޑޮލަރަށް އަރާފައި ވެއެވެ. ބީބީސީ އިން ބުނާ ގޮތުގައި ހަނގުރާމަތައް ފުޅާވާނަމަ ދުނިޔޭގެ ތެލުގެ އަގުތައް ހަލުވި ދުވެލީގައި އުފުލެމުން ދާނެ އެވެ. ދެ އަހަރު ކުރިން ފެށި ރަޝިޔާއާއި ޔޫކްރެއިން ހަމަލާގެ ސަބަބުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 138 ޑޮލަރަށް އުފުލުނެވެ.
އޭރު ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާއާއި ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް ކުރި އަސަރު ހަމައަކަށް އެޅެން ފެށި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު އިޒްރޭލުން ގައްޒާގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ޔަމަނުގެ ހޫތީން ވަނީ ދުނިޔޭގެ މުހިންމު ކަނޑުމަގެއް ކަމުގައިވާ ރަތް ކަނޑުން ދަތުރުކުރާ އެތަކެއް ބައިނަލްގްވާމީ ބޯޓުފަހަރަށް ހުރަސް އަޅަން ފަށާފަ އެވެ. އެއާއިއެކީ، ތެލުގެ އަގުތައް މަޑުމަޑުން އުފުލެން ފެށި އެވެ.
އެހެނަސް، 78 ޑޮލަރަށް ތެޔޮ ފީފާއެއް އެރުމުން އަދި އެކަމާއި ކަންބޮޑުވާން ޖެހޭވަރު ނުވާކަމަށް އިގްތިސާދީ މާހިރުން ބުނެފައި ވެއެވެ. އަދި މި އަގު މަޑުމަޑުން ތިރިވާނެ ކަމަށް އެމީހުން ލަފާކޮށްފައި ވެއެވެ.
އީރާނަކީ ދުނިޔެއިން 7 ވަނަ އަށް އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ގައުމެވެ. އީރާންގެ ތެލުގެ އެކްސްޕޯޓްގެ ދެބައިކުޅަ އެއްބައި ދަނީ ޗައިނާއަށެވެ. ޗައިނާއަށް ސަޕްލައި ނުލިބޭނަމަ، ޗައިނާއިން ދެން ތެޔޮ ގަންނަން ފަށާނީ ރަޝިޔާއިން ނެވެ. އެކަމަކު، އިޒްރޭލާއި އީރާނާއި ދެމެދު ހަނގުރާމައަށް ފެށިއްޖެ ނަމަ ތެލުގެ އަގު އުފުލުމުގެ ފުރުސަތެއް އެބައޮތް ކަމުގައި މާހިރުން ބުނެ އެވެ.
ދުނިޔޭގެ ދެވަނައަކަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމަކީ ސައުދީ އަރަބިއްޔާ އެވެ. އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓިއްޖެނަމަ، ސައުދީ އިން ތެޔޮ އުފައްދާ، ތެޔޮ ސަޕްލައިކުރުން މަދުކޮށްފިނަމަ ދުނިޔޭގެ ތެލުގެ އަގު ބޮޑުތަނުން އުފުލޭނެ އެވެ.
މީގެ އިތުރަށްވެސް އީރާނު ސަރަހައްދުގައި އެއްވެސް ހަނގުރާމައެއް ފަށައިފިނަމަ، ތެޔޮ ޓޭންކަރުތަކުގެ ބޮޑު އަދަދެއް ހިފައިގެން ދަތުރުކުރާ ނިސްބަތުން ހަނި ކަނޑު އޮޅިއެއް ކަމަށްވާ ސްޓްރޭޓް އޮފް ހޮރްމުޒް ބަންދުވެދާނެ ކަމުގެ ނުރައްކާ ކޮންމެވެސް ވަރަކަށް އެބައޮތެވެ. މިއީ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ފަސްބައިކުޅަ އެއްބައި އެކްސްޕޯޓްކުރަން ގެންދާ މަގެއް ވެސް މެއެވެ. އޭޝިއާ އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ޕާޝިއަން ގަލްފުން ތެލާއި ގޭސް ބޭރު ކުރުމަށެވެ. ގަތަރަށް ނިސްބަތްވާ ދުނިޔޭގެ އެންމެ ބޮޑު އެއް އެކްސްޕޯޓަރުން ކަމުގައިވާ އެލްއެންޖީ ޝިޕްމަންޓްތަކަށް ބުރޫއެރުމަކީ ގޭހުގެ އަގު ބޮޑުވާނެ ކަމެކެވެ.
